ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ލިސްޓަށް ކުރީގެ ސަރުކާރުގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކެއްގެ ގުރުއަތު ނުނަގައި، 75 އަށް ވުރެ މަތިން ލިބުނު މީހުންގެ ގުރުއަތު ނަގައި 315 ފްލެޓެއް ހަމަޖައްސައިދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު އޭސީސީއަށް ފޮނުވި ސިޓީއެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު އަދި އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި ހިއްސާކުރުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް، ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ފްލެޓު އެލޮކޭޓްކޮށް ސޮއިކޮށްފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވަނީ، އެ އިއުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެންނެވުނު ކަންކަމަށް ރިއާޔަތްކޮށްގެން ކަމަށް ހައުސިން ބުންޏެވެ.
ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީ އާއި ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށް ވުރެ މަތިން މާކްސް ލިބި އެފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ބުނީ އަދި 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ލިބެންޖެހޭ ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން ބުނީ 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 ފަރާތަށް ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާއިރު، 75 މާކްސް ލިބުނު 315 ފަރާތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އުސޫލާ ހިލާފަށް، 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ މަގްސަދުގައި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންވެ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކޮށް ހުޅުވައިފި
ރަންފަރު ފަޅު މާޅޮހުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފި
ޔުމްނު ވެއްޓުނު ހާދިސާއަށް ހަތަރު މަސް، އަދިވެސް ފުލުހުންނަށް ޔުމްނުގެ ބަޔާން
ގިނަ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ކައުންސިލްތައް ހުއްޓުވޭ ބިލު މަޖިލީހުން
ޓެކްސް ނުދައްކާ ނަމަ އަޅުގަނޑު ވެސް ޖަލަށްލާން ޖެހޭނެ: ސަލީމް
އުއްތަމަފަނޑިޔާރު ކަމަށް ގަނީ އައްޔަންކުރައްވައިފި