1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ!

ފުލުހުންގެ މައި އިދާރާ --- ހަފްތާ ފޮޓޯ

މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ސްޓެލްކޯ އިން ކުރިން ބުނެފައިވާ ގޮތުން ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:30 ހާއިރު މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުނީ ހުޅުމާލެއާއި މާލެއާ ދެމެދު އަޅާފައިވާ އިންޓަކަނެކްޝަން ކެނޑުމުގެ ސަބަބުންނެވެ.

އެ މައްސަލައާ ގުޅިގެން ހާއްސަ ތަހުގީގެއް ފެށިކަން ފުލުހުން އޭރު ހާމަކުރި ނަމަވެސް މިއަދާ ހަމައަށްވެސް އެކަމުގެ އެއްވެސް ތަފުސީލެއް ލިބިފައެއް ނުވެ އެވެ. އެ ތަހުގީގުގެ ތަފުސީލު ނުލިބި އޮއްވައި، އިއްޔެ އަނެއްކާވެސް ވަނީ މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑިފަ އެވެ.

ފުލުހުން އިއްޔެ ބުނީ، 1 ޖޫންގައި މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތައް ބަލައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ތަހުގީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާކުރާނެ ކަމަށެވެ.