ފުލުހުންގެ އަމުރަށް ތަބާނުވެ، ބާރު ސްޕީޑުގައި ކާރު ދުއްވި މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން، 18، އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ އަންހެން މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކާރު ދުއްވި ފިރިހެން މީހާއާއި ކާރުގައި ހުރި އަންހެން މީހާ ކަމަށެވެ.
އެ ކާރު މާޑުކުރަން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އަދި 2 ގެ އެކި މަގުތަކުގައި ދުއްވި ކަމަށާއި، އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވައްޓައިލި އެ ސައިކަލްގައި ތިބި ދެ ފުލުހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.



