ބ. ހިތާދޫ ރައްޔިތުން އިގުތިސާދީ އެކިއެކި ބޭނުންތަކަށް މީގެ ކުރަމުން ބޭނުންކުރަމުން ދިޔަ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާމަޑުއްވަރީ އަލުން ހިތާދޫގެ ރައްޔިތުންނަށް ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ހިތާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މާމަޑުއްވަރީ މިހާރު އޮތީ ޓޫރިޒަމް ބޭނުމަށް ދޫކޮށްފައި ކަމަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެރަށް ޓޫރިޒަމަށް ބޭނުން ކުރަމުންނުދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މާމަޑުއްވަރީއަކީ ހިތާދޫގެ ރައްޔިތުން އިގްތިސާދީ ބޭނުންތަކަށްވެސް ބޭނުން ކުރަމުން އައި ރަށެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތަކީ. އަޅުގަނޑު ރައްޔިތުންނާއި ބައްދަލުކުރަނީ ރައްޔިތުންގެ ކަންކަން ގާތުން އަޑުއަހަން. ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ހިންގަން. މި ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އޮންނާނެ ސަރުކާރެއްކަން އަޅުގަނޑު އަބަދުވެސް ދަންނަވަން. ރައްޔިތުންނަށް ބޭނުންވާ ކަންކަމަށްވުރެ މުހިންމު ކަމެއް ނޯންނާނ،ެ އެހެންވީމާ މި ދެންނެވި އެގްރީމެންޓު ގާނޫނާ ގަވައިިދުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން ނިމުމަކަށް ގެނެސް މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވަން.“ ރައީސް ވިދާޅުވި އެވެ.
މާމަޑުއްވަރީއަކީ މިހާރު ކޯސްޓް ލައިން އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައިވާ ރަށެކެވެ.
ހިތާދޫގެ ރައްޔިތުން އެ ރަށުގެ ބޭނުން ހިފަމުން ދަނިކޮށް، 2019 ވަނަ އަހަރު އެ ފަޅުރަށް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އެކަމާ ގުޅިގެން އޭރު ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ވެސް ފާޅުކުރިއެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!