އޮކްޓޯބަރ 13, 2025

ރައީސް މުއިއްޒު ވެރިކަން ކުރަމުންދަނީ ދޯހަޅިކޮށް، ހުދުމުހުތާރު ގޮތެއްގައި: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒަށްވުރެ ދޯހަޅިކޮށް، ދޯދިޔާކޮށް ވެރިކަން ކުރެއްވި ބޭފުޅަކު މިހާތަނަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، މިހާރުގެ ސަރުކާރަށްވުރެ ވަކީން ހުދުމުހުތާރު ވެރިކަމެއް ދެން ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. .

އަދަދު ނޫހުން ގެނެސްދޭ ”އެތެރެފުށް“ ޕްރޮގްރާމްގައި މި ސަރުކާރު ގެންނަން އެ ބޭފުޅެއްގެ ނަން އެންމެ ގިނައިން ބޭނުންކުރެއްވި ކަމަށް ވިދާޅުވާ ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމާއި އޭގެ ފަހުން ކުރި ހުރިހާ ވެރިކަމެއް ތަޖުރިބާ ކުރެއްވި ކަމަށެވެ. ނަމަވެސް އެއްވެސް ވެރިއަކު މުއިއްޒުހާ ދޯހަޅިކޮށް ވެރިކަން ކުރެއްވި ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

”އަޅުގަނޑެއް ނުދެކެން މިހާރު މި ހުންނެވި ވެރިޔާ، މުއިއްޒު ވަރަށް، މުއިއްޒުހާ ދޯހަޅިކޮށް ދޯދިޔާކޮށް ވެރިކަމެއް ކުރި ރައީސްއަކު އަޅުގަނޑެއް ނުދެކެން އިނގޭތޯ؟ ހުރިހާ ގޮތަކުން ވެސް، ހުރިހާ ގޮތަކުން ރާއްޖޭގެ ހުރިހާ ދިމާލަކަށް ބެއްޔަސް ރައްޔިތުން އެ ސަފާ ކުރަނީ އިނގޭތޯ؟“ ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރަށް އިގުތިސާދީ ވިސްނުމެއް ނެތެވެ. އަދި ސިޔާސީ ވިސްނުމެއްވެސް ނެތް ކަމަށް ވިދާޅުވެ، ގާނޫނުއަސާސީގެ ހުރިހާ ބާރުތައް މުށުތެރެއަށް ލައްވާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ. އެއްވެސް މުއައްސަސާއަކަށް އޭގެ ޒާތުގައި ގާނޫނުއަސާސީން މަތިކޮށްފައި އޮތް އަމާނާތް އަދާ ކުރުމުގެ ޖާގައެއް ނުދެއްވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ގާނޫނުގެ ހަވާސާއިން ބޭރުން ކަންތައްތަކެއް ކުރެއްވި ނަމަވެސް، ގާނޫނުއަސާސީގެ ބާރު ކަނޑުވައިލަން ސީދާ މަސައްކަތެއް ކުރެއްވިތަން ނުފެންނަ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ޕީއެންސީން ގާނޫނުއަސާސީ ބަދަލު ކުރުމާއި، ގައިރުގާނޫނީކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ރައީސް މުއިއްޒުގެ ސީދާ ބާރު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލައި، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރި ވާހަކަ ވެސް ޔާމީން ނުސީދާކޮށް ވިދާޅުވިއެވެ.

މުއިއްޒުގެ ވެރިކަމަށް ވުރެ ހުދުމުހުތާރު އެހެން ވެރިކަމެއް ދެން ނުފެންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

”ސިފަ ކުރާ ކަމަށްވަންޏާ މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ހަމަ ނުފެންނާނެޔޭ ދެންނެވޭނީ އިނގޭތޯ؟ އެހެންވީމާ އަޅުގަނޑު ހަމަ ސިފަ ކުރައްވަނީ ހަމަ ބިގްޓައިމް ގާނޫނުގެ ތަރަހައިގެ ތެރެއިންނާއި ރައްޔިތުންގެ އެކްސްޕެކްޓޭޝަންގެ ތަރަހައިގެ ތެރެއިން ބިގްޓައިމް މިއީ ހަމަ ބޮޑު ޑިސެޕޮއިންޓްމެންޓެއް މި ސަރުކާރަކީ، މުއިއްޒުގެ ސަރުކާރަކީ،“ ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގައި އިތުރު އެއް މަސްދުވަސް ވަންދެން ވެސް މުއިއްޒު ބަހައްޓައިފި ނަމަ ރައްޔިތުންނަށް އިންތިހާއަށް ނިކަމެތިކަން ލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެންމެ ރިވެތި ގޮތަކީ ވެރިކަން ނުކުރެވޭނެކަން ގަބޫލުކޮށް ވެރިކަމުން އަމިއްލައަށް އިސްތިއުފާ ދިނުން ކަމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.