ޑޮލަރުގެ މައްސަލަ ހައްލުކުރަން ވެރިކަމުގެ ދައުރު 15 އަހަރަށް ދަންމާލަން ޖެހޭ: ޗަމްޕާ މުހައްމަދު މޫސާ

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ވެރިކަމުގެ ދައުރު ދަންމާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ، ރިސޯޓު ހިންގުމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ’ދެނޯ’ގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

އުއްޗު ވަނީ، ރާއްޖެއަށް ވަންނަ ޑޮލަރާއި އެ ހަރަދުވާ ގޮތުގެ އިތުރުން ޑޮލަރުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ގޮތް ތަފްސީލުކޮށް ހިއްސާކުރައްވައިފަ އެވެ.

”އަޅުގަނޑު ދަންނަވާލަފާނަން. ބައެއް ބޭފުޅުން ކޯފާ ވެސް ވެދާނެ ކަންނޭނގެ،“ ވެރިކަމުގެ ދައުރު ދަންމާލުމުގެ ވާހަކަ ފައްޓަވަމުން އޭނާ ވިދާޅުވި އެވެ.

އުއްޗު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ގިނައިން ޑޮލަރު ލިބޭ ގައުމެކެވެ.

”ރާއްޖެ އަކީ ޑޮލަރު ވާރެ ވެހޭހެން ވެހޭ ތަނެއް، މުޅި ދުނިޔޭގެ ނިސްބަތުން. އެކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ. އެކަމަކު، އަޅުގަނޑުމެންގެ 200 އެތައް ރަށެއްގައި ރައްޔިތުން އެބަ އުޅުއްވާ. ކޮންމެ ރަށަކަށް ކޮށްދޭން ޖެހޭ އެބަ ހުރިހާ ކަންތައްތަކެއް. އެހެންވީމާ ހަރަދުތަކެއް ވެސް ހިނގާނެ. އަންނަ ކޮންމެ ވެރިއެއްގެ ޖީބަކުން ނޫން ހަރަދު ކުރަނީ. ރައްޔިތުން ދޭ ލާރިއަކުން ކުރަނީ،“ އުއްޗު ވިދާޅުވި އެވެ.

އާބާދީ ކުޑަ ނަމަވެސް ރާއްޖެއަކީ ކުޑަ ގައުމެކޭ ނުބުނެވޭނެ ކަމަށް އުއްޗު ވިދާޅުވި އެވެ. ރައްޔިތުން ބުންޏަސް ނުވަތަ ނުބުންޏަސް، ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކުރުމަށް ލޯނު ނަގަން ޖެހޭ ކަމަށާއި، މި ހުރިހާ ކަމެއް ކުރަން ވެސް ބޭނުންވަނީ ޑޮލަރު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

”ރާއްޖެއަށް ފަސް އަހަރު މާ ކުޑައީ ވެރިކަން ކުރަން،“ ވެރިކަމުގެ ދައުރާ ގުޅޭގޮތުން އުއްޗު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ރަށްތައް ދުރުވެފައި، ދަތުރުފަތުރު އުނދަގޫ ކަމުން އަދި އެއް ފަސްގަނޑަކަށް ނޯންނާތީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭން ގިނަ ހަރަދާއި ވަގުތު ހިނގަ އެވެ.

އަނެއްކޮޅުން، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމަކީ ވެސް ޑޮލަރުގެ އާމްދަނީއަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

”އެހެން ތަންތަނުގައި އެއްގަމުގައި ދުއްވާފައި ގޮސް ހުރިހާ ކަމެއް ނިންމާލެވޭ. އެ ތަންތަނުގައި އެ މީހުންގެ އަމިއްލަ ލަކުޑި އާއި ހުރިހާ އެއްޗެއް އެބަހުރި. ހިލަ އާއި ހިލަވެއްޔާއި ދަގަނޑާ ހުރިހާ އެއްޗެއް އެބަހުރި. މިތަނަކު ނެތް އެހެންނެއް. އެހެންވީމާ ވަރަށް މަސައްކަތުން ކަމެއް ކޮށްދެވެނީ ވެސް މި،“  އުއްޗު ވިދާޅުވި އެވެ.

”އެހެންވީމާ މުއްދަތު މާ ކުޑައީ ވެރިންނަށް. ކޮންމެ ވެރިއަކު ހުއްޓަސް. އެހެންވީމާ އެންމެ މަދުވެގެން ވެސް 10 ވަރަކަށް، 15 ވަރަކަށް އަހަރު ވެރިއަކަށް ލިބިގެން ނޫނީ ނުކުރެވޭނެ މި ކަމެއް،“

ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުކަމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް  އުއްޗު ވިދާޅުވި އެވެ.

ލޯނު ދެއްކުމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި، އަދި ރައްޔިތުންގެ އަމިއްލަ ބޭނުންތަކަށް ވެސް ޑޮލަރު ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.