އޯގަސްޓް 14, 2025

އަންހެނުން ބިއްދޮށުގައި ކަންނޭލަކަށް ހެދިގެން އޮވެފަ، ހަވީރު ކޮފީއަށް ދިޔުމުން ލާރިއެއް ނުލިބޭނެ: އުއްޗު

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)، ވިޔަފާރީގެ ކާމިޔާބީއާއި ފައިސާ ހޯދުމުގެ ސިއްރުތަކާ ގުޅޭގޮތުން ޒުވާނުންނަށް މުހިންމު ނަސޭހަތްތަކެއް ދެއްވައިފިއެވެ.

އޭނާ ވިދާޅުވީ، ލާރި ގޮސްގެން ލާރި ނުލިބެނީ ކުރަންވާ ގޮތަށް އެކަން ނުކުރާތީ ކަމަށާއި، އަބަދު އަންހެނުން ބިއްދޮށުގައި ނިދަން އޮވެގެން އެކަމެއް ނުވާނެ ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވީ ޔޫޓިއުބް ޗެނަލް ’ދެނޯ؟‘ ގެ ޕޮޑްކާސްޓެއްގައެވެ.

އުއްޗުގެ މަޝްހޫރު ބަސްފުޅު ”ލާރި ގޮސްގެން ލާރި ލިބޭނީ،“ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ބަސްފުޅެކެވެ. ޚާއްސަކޮށް ”ލާރި ގޮސްގޮސް ވެސް ލާރި ނުލިބޭ“ ކަމަށް ބުނެ ބައެއް ޒުވާނުން މަޒާޖީ ގޮތެއްގައި ވަރަށް ގިނައިން މި ބަސް ބޭނުންކުރެއެވެ. އެހެންކަމުން، މި ބަސްފުޅުގެ ހަގީގީ މާނަ ކޮށާލައްވަމުން އުއްޗު ވިދާޅުވީ، ލާރި ގޮސްގެން ލާރި ނުލިބެނީ ވިޔާނުދާކޮށް އެކަން ކުރެވޭތީ ކަމަށެވެ.

ފައިސާ ޚަރަދުކުރުމުގައި ވިސްނަންޖެހޭނެކަން ފާހަގަކުރައްވައި ރާއްޖޭގައި ހިންގާ 11 ރިސޯޓެއްގެ ހިއްސާ އޮންނަ އުއްޗު ވިދާޅުވީ، ”އަސްލު ދޭންވާ ފަރާތަށްތޯ މި ދެވެނީ؟ އެކަން ކުރަންވާ ގޮތަށްތޯ މި ކުރެވެނީ؟“ މި ސުވާލުތައް ކުރަންޖެހޭނެ ކަމަށެވެ.

ކުޑަކުޑަ ޚަރަދެއް ކޮށްގެން އާދަޔާހިލާފު ބޮޑު މަންފާއެއް ލިބޭނެ ކަމަށް ބުނާ މީހުންނަށް އިތުބާރުކޮށްގެން ނުވާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

”ލާރި ހަމަ ޚަރަދުކުރާށޭ ބުންޏަކަސް، އެ ޚަރަދުކުރަންވާނީ ކުރަންވާ ގޮތަކަށްތާ. މީހަކު ބުނެފާނެ ކަލޭ ދޭށޭ 5,000 ރުފިޔާ، މަ ކޮންމެ މަހަކު ދޭނަމޭ ކަލެއަށް 500 ރުފިޔާ، އަދި ފަސް މަސް ދުވަހުން ދޭނަމޭ 500,000 ރުފިޔާ. ނުވާނެ އެއަށް ޓްރަސްޓް ކުރާކަށް،“ އުއްޗު ވިދާޅުވަމުން ގެންދެވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ”އެ ބައެއްގެ ވެސް ބޯ ހުންނަންވާނެ ދޯ. އެއީ ދެން އެ ސޮރުމެންނަށް ހެދޭ ޅައެއްޗެއް،“ މިފަދަ ހެލްމެޓް ސްކީމްތަކަށް ނުވަތަ ޕޮންޒީ ސްކީމްތަކަށް ފަސޭހައިން ހެއްލިގެން ނުވާނެ ކަމަށެވެ.

ވިޔަފާރީގައި ކުރިއަށް ދެވޭނީ އިންވެސްޓްކޮށްގެން ކަމަށާއި، ލާރި ލިބޭނީ ލާރި ގޮސްގެން ކަމަށް އުއްޗު ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އިންވެސްޓްކުރުމަށް ދަރަނި ނަގަން ބިރުން އުޅެގެން ވިޔަފާރިނުކުރެވޭނެއެވެ. މިހާރު ވެސް ދުނިޔޭގެ އެކި ބޭންކްތަކުގައި އޭނާގެ 200 މިލިއަން ޑޮލަރެއްހާ ދަރަނި އުޅޭނެ ކަމަށް ޕޮޑްކާސްޓްގައި އޭނާ ހާމަކުރެއްވިއެވެ.

މިކަމުގެ އިތުރުން، ކާމިޔާބު މީހުންނަކީ ފަތިހު ތެދުވާ މީހުންކަމަށް އުއްޗު ފާހަގަކުރެއްވިއެވެ.

”ކިތަންމެ މޮޅު މީހާ ވެސް ކިހިނެއް މެންދުރު ފަހުން ވަގުތެއް ލިބުނީމާ ދާގޮތަށް ގޮސް އަންހެނުން ބިއްދޮށުގައި ކަންނޭލަކަށް ހެދިގެން. އެއާކޯން ޖަހައިގެން. ނިދާފައި. ހަވީރު ތެދުވެގެން ގޮސް، ހިނގާ ކޮފީއެއް ބޯލަން. އެހެން އުޅެގެން ލާރިއެއް ނުލިބޭނެ،“ އޭނާ ވަރަށް ހިއްސާބެހޭ ބަހުރުވައަކުން ވިދާޅުވިއެވެ. ”އެހެނެއް ނުވާނެ ނޫންތޯ؟“ އޭނާ ސުވާލުކުރެއްވިއެވެ.

އުއްޗުއަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާއެވެ. ރާއްޖޭގައި 11 ރިސޯޓުގެ ހިއްސާ އޮންނައިރު، ރާއްޖޭން ބޭރުގައި ވެސް ރިސޯޓު ހިންގައެވެ. އޭނާއަށް ވަނީ ގައުމީ އިނާމާއި ޓޫރިޒަމް ދާއިރާއަށް ޚިދުމަތް ކުރެއްވުމުގެ އެތައް އިނާމެއް ލިބިވަޑައިގެންފައެވެ.

Leave a Reply