ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ނުގެނައުމަށް ބައިނަލްއަގްވާމީ ނުވަ ޖަމިއްޔާއަކުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްނެސްޓީ އިންޓަނޭޝަނަލް ހިމެނޭ ގޮތަށް ނުވަ ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ވަނީ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށް މަރުގެ އަދަބު ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށާއި، އެކަމަކީ ސަރަހައްދީ އަދި ދުނިޔޭގެ ޓްރެންޑާ ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ.
ބޭރުގެ ޖަމިއްޔާތަކުން މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅަށް ބަޔާނެއް ނެރުނު އިރު، މީގެ ކުރިން ވެސް ރާއްޖޭގައި މަރުގެ އަދަބު ދޭން ސަރުކާރުތަކުން ފެށި މަސައްކަތްތަކާ ދެކޮޅު ހަދައި އެކަން ތަންފީޒުނުކުރަން ގޮވާލައި ބަޔާން ނެރެފައި ވެ އެވެ.
މިފަހަރުގެ ބަޔާނުގައި އެ ޖަމިއްޔާތަކުން ފާހަގަކޮށްފައިވަނީ، މިހާރު 113 ގައުމަކުން މަރުގެ އަދަބު އެއްކޮށް އުވާލާފައިވާއިރު، މަރުގެ އަދަބު ދޭ ބައެއް ގައުމުތަކުން ވެސް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށް މަރުގެ އަދަބު ދިނުން ހުއްޓާލާފައިވާ ކަމެވެ. އަދި މަރުގެ އަދަބަކީ ކުށްކުރުން ހުއްޓުވުމަށް ހާއްސަ ނުފޫޒެއް ފޯރުވޭ އެއްޗެއްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މި ބަޔާން ނެރުނު ޖަމިއްޔާތަކުގެ ތެރޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ނެރުނު ރިޕޯޓަކާ ގުޅިގެން ރާއްޖޭގައި އުވާލާފައިވާ ޖަމިއްޔާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ހިމެނެ އެވެ. ސަރުކާރަށް ކުރިމަތިިވި ޕްރެޝަރުތަކާ ގުޅިގެން ރާއްޖެ އިން އެ ޖަމިއްޔާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އުވާލުމަށްފަހު، މިހާރު ހިންގަނީ ރާއްޖެ އިން ބޭރުގަ އެވެ.
މަރުގެ އަދަބާ ދެކޮޅުކަން ހާމަކޮށް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ގާނޫނަށް ގެންނަ އިސްލާހު ގެނައުމުގެ މަސައްކަތް ހުއްޓާލުމަށް ވަނީ ގޮވާލައިފަ އެވެ. އަދި މަރުގެ އަދަބު ފުޅާކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ވަނީ ގޮވާލައިފަ އެވެ. އިތުރަށް، ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ މި އަނިޔާވެރި އަދަބު އެއްކޮށް އުވާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ވަގުތުން ވަގުތަށް މިހާރު މަރުގެ އަދަބު ކަނޑައަޅާފައިވާ ހުރިހާ ހުކުމްތަކެއް ބަދަލުކުރުމަށެވެ.
ބަޔާނުގައި ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް މުޖުތަމައުގެ ހަމަޖެހުމަށް ކަމަށް ބުނެ މަރުގެ އަދަބު ތަންފީޒުކުރުމަކީ މުށްބާރު ހަރުކަށި އުސޫލުތައް ގެންގެޅޭ ގައުމުތަކުގެ ސިޔާސަތުތައް ކުރިއެރުވުން ކަމަށާއި އެއީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސަގާފަތެއް ކުރިއެރުވުން ކަމަށެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ އަދަބު ތައާރަފުކުރުމަކީ މިހާރު ވެސް ކަންބޮޑުވާންޖެހޭ ވަރަށް ހުރި ރާއްޖޭގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރުމުގެ މައްސަލަތައް އިތުރުވެގެންދާނެ ކަމެއް ކަމަށް ވެސް ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާއިރު އެ ބިލް މިހާރު އޮތީ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީގަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ގާނޫނުގައި ކަނޑައަޅަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށް އިޢުލާނު ކުރައްވާފަ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު 20، 2023 ގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެކަން އެ ގޮތަށް ކުރަން ނިންމާފައިވާ ކަން މި ސަރުކާރުން ފުރަތަމަ ފަހަރަށް އެ ދުވަހު އިއުލާންކުރި އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސިންގަޕޫރުގައި މިހާރު ވެސް މަރުގެ އަދަބު ދެ އެވެ. ރާއްޖޭގައި އެ އަދަބު ތަންފީޒުކޮށްފި ނަމަ ރާއްޖެ ވާނީ ދެކުނު އޭޝިއާގައި ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދޭނެ ދެވަނަ ގައުމަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާގެ ގާނޫނުގައި ޑްރަގް އެތެރެކުރުމުގެ ކުށަށް މަރުގެ އަދަބު ކަނޑައަޅާފައިވީ ނަމަވެސް އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކުރުން އޮންނަނީ ނުރަސްމީ ގޮތެއްގައި ހުއްޓާލައިފަ އެވެ.

ގުޅުންހުރި
ރާބޮއެގެން ސައިކަލް ދުއްވަން ދަސްކޮށްދިން މީހަކަށް 40 އެތިފަހަރުން ހައްދުޖެހުމަށް ހުކުމްކޮށްފި
ޑުރަގް މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި މީހަކު ހިތް
މި ސަރުކާރުން ޑްރަގު ފަހާ ނުދުވާނެ، ދުވާނީ ޑްރަގު ވިޔަފާރީގެ ބޮޑުންގެ
ޑްރަގު ނެޓްވޯކުން ފަސް އަހަރު ތެރޭ 64 މިލިއަން ރުފިޔާ ދައުރުކުރި،
ގެއްލިގެން ހޯދަން އިއުލާނު ކުރި މީހަކު ޑްރަގް އެތެރެކުރަނިކޮށް ހައްޔަރުކޮށްފި
ޑްރަގް ވިޔަފާރިވެރިން ހޯދި އެއް މިލިއަން ރުފިޔާއާއި 12 ވެހިކަލާއި 38