ޕާކިސްތާނުގެ އުތުރުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 344 އަށް އަރައިފި އެވެ.
ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ފެންބޮޑުވެ ގެތަކަށް ފެން ވަދެ، މަގުތައް ވަނީ ހަލާކުވެފަ އެވެ. އަދި އަވަށްތައް އެއްކޮށް ވީރާނަވެގެން ގޮސްފައިވާއިރު 48 ގަޑިއިރު ތެރޭގައި 344 މީހުން ވަނީ މަރުވެފަ އެވެ.
ސަލާމަތްވި މީހުން މިކަން ސިފަކުރީ ”ގިޔާމަތް ދުވަސް“ގެ މަންޒަރެއްގެ ގޮތުގައެވެ.
ޑިޒާސްޓާ އެޖެންސީން ބުނެފައިވާ ގޮތުގައި ގިނަ މީހުން މަރުވެފައި ވަނީ ފެންބޮޑުވުމުގެ ސަބަބުންނާއި ގެތައް ވެއްޓި، ގެތަކުގެ ދަށުވުމުންނެވެ. މި ހާދިސާގައި އިތުރު 21 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.
ޕާކިސްތާނުގެ ސަރުކާރުން ބުނި ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުން ވަނީ އެ ސަރަހައްދުން ދުރަށް ގެންގޮސް ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އާންމުންގެ އިތުރުން 1300 ޓޫރިސްޓުންވެސް ވަނީ އެ ސަރަހައްދުތަކުން ސަލާމަތްކޮށްފަ އެވެ.



