ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާ ކުރި މަނަވަރު ”ދަރުމަވަންތަ“ ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އާ މިރޭ ރަސްމީކޮށް ހަވާލުކޮށް، ކޮމިޝަންކޮށް ހިދުމަތަށް ނެރެފިއެވެ.
މިއީ ދިވެހި ކަނޑުގެ ސިފައިންގެ އަރުމާދަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު މަނަވަރެވެ. މި މަނަވަރު ނިސްބަތްވަނީ ޖަހާލަތާއި ޝިރްކުގެ އަނދިރިކަމުގެ ތެރޭގައި ދިވެހިން ވަނިކޮށް ދެ ދުނިޔޭގެ ސަލާމަތާއި، އަމާންކަމާއި، ރަައްކާތެރިކަމުގެ ދީން ކަމަަށްވާ އިސްލާމް ދީނަކީ ދިވެހި ދައުލަތުގެ ދީން ކަމުގައި ކަނޑައެޅުއްވި އައްސުލްތާން މުހައްމަދު އިބްނު އަބުދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުން (ނުވަތަ ދަރުމަވަންތަ ރަސްގެފާނު)ގެ ނަން ފުޅަށެވެ.
މިރޭ ހުޅުމަލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިި ”ދަރުމަވަންތަ“ ނަމުގައި މިރޭ ހިދުމަތަށް ނެރޭ އުޅަނދު ތުރުކީ ވިލާތުގެ ފަރާތުން ރާއްޖެއަށް ހަލާލުކޮށްދެއްވީ ތުރުކީވިލާތުގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރު ޔިލްޑިޒެވެ. މި އުޅަނދާއި ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. މި ވަގުތުކޮޅު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްްމަދު މުއިއްޒާއި، ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ.
ތުކުރީން ހަދިޔާ ކުރި މި މަނަވަރަކީ ޖަރުމަން ވިލާތުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިން ފަރުމާކޮށް، ތުރުކީ ނޭވީގެ ހިދުމަތަށް ނެރެފައިވާ އެޑޯގަން-ކްލާސްގެ ފާސްޓް އެޓޭކާ ކްރާފްޓްގެ އުޅަނދެކެވެ. މި މަނަވަރަކީ ތުރުކީ ކަނޑުގެ ގާބިލްކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މަނަވަރެކެވެ. މިއީ ތުރުކީގެ އަސްކަރީ ހިދުމަތުގައި ބޭނުން ކުރަމުން ދިޔަ މަނަވަރެކެވެ.
ތުރުކީގެ ނޭވީގެ ހާޕޫން އެންޓިޝިޕް މިސައިލްތަކާއެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކުގެ ތެރޭގައި މި މަނަވަރު ހިމެނެއެވެ. މި މަނަވަރަކީ ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި، ފަޔާ ކޮންޓްރޯލް ރާޑަރާއެކު އިންޓަގްރޭޓް ކުރެވި، ޒަމާނީ ވަސީލަތްތައް ގާއިމް ކުރެވިފައިވާ މަނަވަރެކެވެ. މިގޮތުން މި މަނަވަރުގައި 76 މިލިމީޓަރު އޮޓޯމެލޯރާ ބަޑިއާއި 35 މިލިމީޓަރުގެ ޓްވިން ބެރަލް އޮލިކަން އެންޓި ކްރާފްޓް ބަޑީ ހަރު ކުރެވިފައި ވެއެވެ. މި މަނަވަރަކީ ދުުރު ރާސްތާއިން ދުޝްމަނުންގެ އުޅަނދުފަހަރު ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި މަނަވަރު ހިދުމަތަށް ނެރެވޭއިރު، ތުރުކީން ތަމްރީން ކުރި ދިވެހިންގެ ސަބަބުން، މި މަނަވަރު އޮޕަރޭޓް ކުރުމުގެ ގާބިލްކަން ދިވެހި އަސްކަަރިއްޔާއަށް ލިބިފައިވާ ކަމަށެވެ. އަދި މި އުޅަނދު މަރާމާތުކޮށް، ދުއްވައި، ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށެވެ.

ގުޅުންހުރި
ކައްދޫގައި އެކްސިޑެންޓުގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ މަރުވެއްޖެ
ދަރިފުޅު ވޭޕް ސާމާނު ގައިގައި ބަނދެގެން އެތެރިކުރި ވާހަކައަކީ ދޮގެއް: ޝަހީމް
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރުކުރެވޭ ބައިވެރިއެއް: ރައީސް މުއިއްޒު
މީހުންގެ އަނބުރަށް އަރައިގަތުމުގެ ފާފަ އާންމުވެއްޖެ، ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވާން
ރާއްޖޭގައި ބާއްވާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯ ފަށައިފި
ރާބޮއެގެން ސައިކަލް ދުއްވަން ދަސްކޮށްދިން މީހަކަށް 40 އެތިފަހަރުން ހައްދުޖެހުމަށް ހުކުމްކޮށްފި