މީހަކު ރަހީނުކޮށް، އާއިލާއަށް ގުޅައި ފައިސާ އަތުލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު މާލޭގެ މއ. ރަނައުރާ ގޯޅިތެރެއިންނެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝަޖަހާން ކިޔާ މީހަކު ކިޑްނެޕްކުރި މައްސަލާގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލްއެވެ.
ކޯޓު އަމުރުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ކިޑްނެޕްކޮށް، އަނިޔާކުރަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނެވެ. މި މައުލޫމާތާ ގުޅިގެން ޝަޖަހާންގެ ފޯނު ނަމްބަރުގެ ލޮކޭޝަން ބެލިއިރު އޭނާ އެ ވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން ވަނީ އެނގިފައެވެ.
ފުލުހުން އެ ސަރަހައްދުގައި ތިއްބައި، ފެނުނީ އެ ގޯޅިތެރޭގައި ހުންނަ އެސް.އައި ގެސްޓްހައުސް އިން ޝަޖަހާން ނުކުމެގެން އައި ތަނެވެ. އޭނާއާ ސުވާލުކުރުމުން، އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ކިޑްނެޕްކޮށް ބިރު ދައްކައި އަނިޔާކުރި ކަމަށް ފުލުހުންނަށް ކިޔައިދީފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ފުލުހުން އޭނާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ބުނާ ކޮޓަރިއަށް ވަންއިރު، އަނިޔާކުރި ކަމަށް ބުނާ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލް އެ ވަގުތު އެތަނުގައި ތިއްބެވެ. އެހެންކަމުން، ދެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.
ކޯޓު އަމުރުގައި ބުނީ ތިލަފުށީގައި މަސައްކަތްކުރާ ސަދިގުލްއަކީ ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށެވެ. އެކަމަކު މީހަކު ކިޑްނެޕްކޮށް އަނިޔާކުރުމުގައި ބައިވެރިނުވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.
މުހައްމަދު އަޒީޒުލްގެ އަމުރުގައި ބުނީ އޭނާއަކީ ވެސް ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށެވެ.
ކޯޓުން ވަނީ މި ދެ މީހުން 15 ދުވަހަށް ބަންދުކޮށްފަ އެވެ.




2 Comments
ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި