ފުލުހުންގެ ބަންދުގައި ހުރި ދިވެއްސަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ. އޭނާއަކީ އޮގަސްޓު 15، ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެކެވެ.
ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފަ އެވެ. ފުލުހުން އޭނާ ބަންދުކޮށްފައިވަނީ މާލޭ ޖަލުގަ އެވެ.
ފުލުހުން މިއަދު ބުނީ އަފްރާހު މަރުވި މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އަދި އެ ހާދިސާ ހިނގި ގޮތް ބެލުމަށް އެތެރޭގެ ތަހުގީގެއް ވެސް ކުރަމުންދާ ކަމަށެވެ.
އެޗްއާރްސީއެމްއާއި އެންއައިސީއަށް، އަފްރާހު ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވިކަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.



