އޯގަސްޓް 17, 2025

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ހެދި ރާއްޖޭގެ އެންމެ ބޮޑު ފެންތާނގީ ބޭނުންކުރަން ފަށައިފި

މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ހެދި 10,000 ޓަނުގެ ފެންތާނގީގެ އަމަލީ މަސައްކަތް ނިންމައި، ތާނގީ ބޭނުންކުރަން ފަށައިފި އެވެ.

އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބޭނުންކުރަން ފެށުން އިފުތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަންއާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ސީނިއާ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަމުގެ ތެރެއިން ހެދި މި ތާނގީއަކީ، މިހާތަނަށް ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ފެންތާނގީ އެވެ. ސެޕްޓެމްބަރު 2024 ގައި އަމަލީ މަސައްކަތް ފެށި މި ތާނީިއަކީ 24 މީޓަރު އުސް ތާނގީއެކެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި ތާނގީ ބޭނުން ކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22,600 ޓަނަށް އިތުރުވެފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 ޕަސެންޓުގެ ކުރިއެރުމެއް ކަމަށާއި އަދި މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމުލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް އިތުރުވެފައިވާ ކަމަށްވެސް ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ސިނަމާލެ ބްރިޖުމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ހިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.

އަދި އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށްވެސް ބުންޏެވެ.