އަންނަ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކަނޑައެޅުމާބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
އެހެން މުއައްސަސާތަކާ ހިލާފަށް މަޖިލީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިގެންނެވެ. އެކަން އޮންނަނީ އާއްމު ކޮމިޓީން ފާސްކުރުމަށްފަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ބަޖެތް ހުށަހަޅަން ބޭއްވި އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ބަޖެޓް މައްސަލައަކީ ރައްޔިތުންނާ ގުޅުންހުރި މައްސަލައެއްނުން ކަމަށެވެ. އަދި ބަޖެޓްގެ ކަންކަން މީޑިއާއަށް ތިލަވެދާނެކަން ފާހަގަކޮށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންަބރު އަހުމަދު ރިޠާޒެވެ.
އެހިސާބުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރިއެވެ.
މިދިޔަ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ބަޖެތްގެ ގޮތުގައި ހުށަހެޅީ 206 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.



