ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން އެ ޕާކު ތިން މަހަށް ބަންދުކޮށްފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ޕާކު ތިން މަސް ދުވަހަށް ބަންދުކޮށްފައިވަނީ މިއަދުން ފަށައިގެން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ’ރައްޔިތުންނާ އެކު‘ ޕޮޑްކާސްޓުގައި އެ މަނިކުފާނު ވަނީ ސަލްޓަން ޕާކު އަލުން ތަރައްގީކުރަން ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ.
ރައީސް ވިދާޅުވެފައިވަނީ ސަލްޓަން ޕާކަކީ ބޮޑެތި ގިނަ ގަސްތަކެއް ހުންނަ ތަނަކަށް ވުމުން، އަލުން އެ ތަން ހަދާނީ އެއް ގަހުން އަނެއް ގަހަށް ވެސް ދެވޭ ގޮތަށް، މަތީގައި ބައިތަކެއް ހިމަނައިގެން ކަމަށެވެ.
”މިއީ ހަމައެކަނި ކުޑަކުދިންނަކަށް ނޫން. ބޮޑެތި މީހުންނާއި ޒުވާނުންނަށް ވެސް އެންޖޯއީ ކުރެވޭ ގޮތަށް، އެޑްވެންޗަރަސް ތަނެއްގެ ގޮތުގައި ދެން ތަރައްގީކުރާނީ،“ ރައީސް ވިދާޅުވި އެވެ.
އެ ހުރިހާ ސިފަތަކާ އެކު އެ މަނިކުފާނު ވިދާޅުވީ ”ބިންމަތީގެ އިތުރުން މަތީގައި ވެސް ކުޑަ ޕާކެއް އަންނާނެ“ ކަމަށެވެ.


