އޯގަސްޓް 21, 2025

މީޑިއާގެ މިންވަންކަން ގެއްލޭ ބިލު އަނބުރާ ގެންދިއުމަށް އެމްއެމްސީން ގޮވާލައިފި

މޯލްޑިވްސް މީޑިއާ އެންޑް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މަޖިލީހުން ބަލައި ނުގަނެ އެ ބިލް ބޭރުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އިން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުލް ހަންނާން އަބޫބަކުރު، 17 އޮގަސްޓު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު“ އާ ގުޅޭ ގޮތުން އިއްޔެ ވަނީ އެމް.އެމް.ސީގެ މެންބަރުންގެ މެދުގައި ހޫނު މަޝްވަރާތަކެއް ކުރައްވާފައެވެ.

ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހުށައަޅުއްވާފައިވާ މި ބިލަކީ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކަރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ގޮތައް ފަރުމާކޮށްފައިވާ ބިލެއް ކަމަށް އެމް.އެމް.ސީ އިން ވަނީ ނިންމަވާފައެވެ.

މި ބިލުގައި ވާގޮތުގައި އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށް ވަނީ ލިޔެފައެވެ. އަދި އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000-25،000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000ރ. އާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

އެހެންކަމުން ނޫސްވެރިންގެ މިނިވަންކަން ގެއްލޭގޮތައް އެކުލަވާލާފައިވާ މި ބިލް މަޖިލީހުން ބަލައި ނުގަނެ ބޭރުކުރުމަށް އެމް.އެމް.ސީ އިން ވަނީ ގޮވާލާފައެވެ.