އިންޑިއާގެ އެހީގައި ތަރައްގީކުރަމުން އަންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ ނޮވެމްބަރަށް ނިންމައި ހުޅުވުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެއާޕޯޓް މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު އިންޓަނޭޝަނަލް ދަތުރުތަކަށް އެއާޕޯޓް ފުރިހަމައަށް ތައްޔާރު ކުރެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ
ރައީސް ވިދާޅުވީ އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއާޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސަން ވެސް ނިންމާފައިވާ ކަމަށެވެ.
ރައީސް މިހެން ވިދާޅުވި އިރު، މިދިޔަ ޖުލައި މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އަންނަ ސެޕްޓެމްބަރު މަހު މަސައްކަތް އެއްކޮށް ނިންމޭނެ ކަމަށް ވިދާޅުވެފަ އެވެ.
ހަނިމާދޫ އެއާޕޯޓް ހަދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ.
އެ މަޝްރޫއުގެ މަސައްކަތް ކަލްޕަތަރު ޕްރޮޖެކްޓްސް އަށް މިހާރު ނަން ބަދަލުކޮށްފައިވާ އިންޑިއާގެ ކުރީގެ ޖީއެމްސީ ކުންފުންޏާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2022 ގަ އެވެ. މިއީ މިވަގުތު ރާއްޖޭގައި ހިންގަމުން އަންނަ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއު އެވެ.
އެ މަޝްރޫއުގެ ދަށުން އެންމެ ބޮޑެތި ބޯޓު ޖެއްސޭ ގޮތަށް ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.




ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން