”ޝިހާމްބެ އޮތީ އަންނަ މަހު (ސެޕްޓެމްބަރު) އުމްރާއަށް ފުރަން ލާރިވެސް ދައްކާފައި, ހުރިހާ ކަމެއް ނިމިފަ އޮތީ, ރަށަށް އަންނަން އުޅުނީ އުމްރާއަށް ފުރާތީ އާއިލާ ކުދިންނާއި ރަށު މީހުންނާ ބައްދަލުކޮށްލައި ސައި ދޭން,“
އެއީ ބ. ކުޑަރިކިލު/ ފިނިވާގެ, އަހުމަދު ޝިހާމް (ޝިހާމްބެ) ގެ ފުރަތަމަ އުމްރާ ދަތުރެވެ. މީގެ ކުރިން ހައްޖަށްވެސް ދެވިފައި ނެތުމުން މިއީ ޝިހާމްބެއަށް ހާއްސަ ދަތުރެކެވެ. އުންމީދުތައް ގިނަ އުފާވެރި ދަތުރެކެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކ. ތުލުސްދޫ ކައިރިއަށް ދަތުރު ކުރަމުންދިޔަ ދޯނި ބަންޑުން ޖަހާލި ހާދިސާގައި ޝިހާމްބެ ވަނީ މަރުވެފަ އެވެ.
މީގެ ދެ އަހަރު ކުރިން ލޯބިވާ އަންހެނުން މަރުވުމުން އުމުރުން 74 އަހަރުގެ ޝިހާމްބެ އުޅެމުން އައީ މާލޭގަ އެވެ. ދަރިންނާއި ކާފަ ދަރިންނާއެކުއެވެ. ނަމަވެސް ދުނިޔެއަށް ލޯމަރާލުމުގެ ކުރިން އުމްރާއަށް ދާން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށްފަހު އޭނާ ބޭނުންވީ އެ އުފަލުގައި ރަށުގައި ތިބި ކުދިންނާއި ރަހުމަތްތެރިންވެސް ބައިވެރި ކުރާށެވެ.
ރ. އަތޮޅަށް ”ލިއޯ“ ނަމަކަށް ކިޔާ ދޯންޏެއްގައި ޝިހާމްބެމެން ފުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ އޭނާގެ ޅީދަރިފުޅު ދުއްވާ ދޯންޏެކެވެ. އެ ދަތުރުގައި ކާފަ ދަރިއަކުވެސް ބައިވެރިވި އެވެ. ދެން ތިބީ ތިން ފަޅުވެރިންނެވެ. ދަތުރު ރޭވިފައި އޮތީ ތުލުސްދޫއަށް ދިއުމަށްފަހު އެ ރަށުގައި އޮތް ލޯންޗެއް ކަފު ޖަހައިގެން ކައިރީގައި އޮތް ރިސޯޓަކަށް ވެއްދުމަށްފަހު ކުޑަރިކިލަށް މިސްރާބު ޖަހާށެވެ.
މައުލޫމާތު އެނގޭ ޝިހާމްބެގެ އާއިލާ މީހަކު ’ހަފްތާ‘ އަށް ކިޔައިދިން ގޮތުގައި ތުލުސްދޫ ކައިރިން ދޯނި ފުރަތަމަ އެރީ ފަރަށެވެ. އޭރު ޝިހާމްބެ ހުރީ ދޯނީގެ ފާހާނާ ތެރޭގައެވެ. ނަމަވެސް ފަރަށް އެރުމުން ދޯނީގައި ހުރި މުދާތައް އެއް ފަރާތަކަށް ޖެހި, ދޯނި ބަންޑުން ޖަހާލިއެވެ. އެ ހުރިހާ ކަމެއް ހިނގީ ހިނދުކޮޅެއްގެ ތެރޭގައިކަމުން ޝިހާމްބެއަށް ނުކުތުމުގެ ފުރުސަތު ނުލިބުނެވެ.
”ދޯނި ބަންޑުން ޖަހާލުމުން ޝިހާމްބެ ފިޔަވައި އެންމެން މައްޗަށް އެރި. އެހެންވެ ހޯދަން ފުރަތަމަ ގުޅީ ތުލުސްދޫ ކޮކާކޯލާ ފެކްޓްރީގައި އުޅޭ ބަޔަކަށް. އެ މީހުން މާސްކާއި ފިންސު ހިފައިގެން އައިސް ޝިހާމްބެ ފެނޭތޯ ބެލި. އޭގެ ތެރެއިން އަޑިއަށް ދިޔަ މީހަކަށް އެނގުނީ ޝިހާމްބެ ފާހާނާ ތެރޭގައިވާކަން. އެކަމަކު އޭނަގެ ނޭވާ ކުރުވުގެން މައްޗަށް އަރާފަ ދެން ދިޔައީ ޝިހާމްބެ ނަގަން,“
ޝިހާމްބެ މަރުވި ކަމަށް ވަނީ ކަނޑުއަޑިން ނަގައިގެން ތުލުސްދޫ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އުމްރާއަށްދާކަމުގެ އުފާވެރި ހަބަރު ހިފައިގެން ޝިހާމްބެ ރަށަށް ދާން ފެށި ދަތުރަކީ އެހެން މަންޒިލަކަށް ކުރެވުނު ދަތުރެކެވެ. ދެވުނީ އަނބުރާ އައުމެއް ނެތް މަންޒިލަކަށެވެ.

ގުޅުންހުރި
ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި އެކަކު މަރުވެއްޖެ
ގދ. ގަމުން ޑިންގީއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަނީ
މާފުށީ ކައިރިއަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ
މާލެ ދަތުރު ކުރަމުންދިޔަ ހޮޅުދޫ ބޯޓުގައި ރޯވެ އަނދައިފި
އަޑިއަށް ދިޔަ ލޯންޗުން ދަތުރުކުރި ޓޫރިސްޓެއްގެ ފޯނުން ކަނޑުވި ހާދިސާގެ ވީޑިއޯތަކެއް
48 މީހުންނާއެކު ލޯންޗެއް އަޑިއަށް، ކަނޑުވެފައި ތިއްބައި އެންމެން ސަލާމަތް ކޮށްފި