އޯގަސްޓް 29, 2025

މީޑިއާ ކޮންޓްރޯލް ބިލު ބޭރުނުކުރާނެކަމަށް އުޝާމް ވިދާޅުވުމުން ބައްދަލުވުމުން ނޫސްވެރިންތަކެއް ނިކުމެއްޖެ 

މީޑިއާތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ކޮމިޝަންގެ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވުމުން، ނޫސްވެރިން ބައްދަލުވުން ދޫކޮށް ނުކުމެއްޖެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އުޝާމް މައުލޫމާތު ދެއްވާ ގޮތަށް މިއަދު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި އެ ޑްރާފްޓާ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

”އެބިލަށް ބަލާއިރު މައިގަނޑު ގޮތެއްގައި ތިބޭފުޅުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ބަލާއިރު މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައި އޮތް ބިލާ، މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑެތި ތަފާތުތަކެއް ނެތް،“ ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އެހެންވެ މިހާރު މަޖިލީހުގައި އޮތް ބިލު ބޭރުކުރަންޖެހޭ ސަބަބެއް ނެތް ކަަމަށް އުޝާމް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންގެ އޮޕީނިއަންއަކީ މިހާރު މި ހުށަހަޅާއި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް. އަޅުގަނޑެއް ގަބޫލެއް ނުއެއް ކުރަން ބިލު އަނބުރާ ނަގަން ޖެހޭނެ ކަމަކަަށް،“ އުޝާމް ވިދާޅުވި އެވެ.

އުޝާމް އެގޮތަށް ވިދާޅުވުމުން ނޫސްވެރިންގެ ބައްދަލުވުމުގައި ތިބި ގިނަ ނޫސްވެރިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އަޑުގަދަކޮށް، ބިލް ބޭރުނުކުރަން ނިންމީ ރަނގަޅަށް ނޫން ކަމަށް ބުނެފަ އެވެ.

ނަމަވެސް އުޝާމް ދިޔައީ ސަރުކާރުގެ އެ ސްޓޭންޑު ދިފާއު ކުރަމުންނެވެ.

ވަރަށް ހޫނުކޮށް ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ނޫސްވެރިންގެ ސުވާލުތަކަށް ރަނގަޅު ޖަވާބުދާރީވަމުން ނުދާކަން ވެސް ނޫސްވެރިން ފާހަގަކުރި އެވެ.

ތަކުރާރުކޮށް ބިލު ބޭރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އުޝާމް ވިދާޅުވަމުންދާތީ އެންމެ ފަހުން ނޫސްވެރިން ނިންމީ ބައްދަލުވުމުން ނިކުތުމަށެވެ.

ނޫސްވެރިން ނުކުންނަން ދިޔުމުން، އުޝާމް އެ މީހުން ހުއްޓުވަން ކޮންމެވެސް ވަރަކަށް މަަސައްކަތް ކުރި އެވެ. ނަމަވެސް އުޝާމްގެ ވާހަކަތައް އަޑު ނާހައި ނޫސްވެރިން ވަނީ ނުކުމެގެން ގޮސްފަ އެވެ.