ސެޕްޓެމްބަރ 6, 2025

އަންހެނުންނަށް ހަމަހަމަކަން ލިބިގެން ދިޔައީ އިސްލާމްދީން ބާވައިލެއްވި ހިސާބުން: ހުތުބާ

އިސްލާމްދީން ބާވައިލެއްވުމުގެ ކުރިން އަންހެނުންގެ އެއްވެސް މަގާމެއް ނޯންނަ ކަމަށާއި އަންހެނުންނަށް ހަމަހަމަކަން ލިބިގެން ދިޔައީ އިސްލާމްދީން ބާވައިލެއްވިފަހުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގައި ބުނީ ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނުއަނދިރީގެ އަނިޔާއާއި ބޭއިންސާފުން ފުރިފައި ކަމަށެވެ. ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށާއި މީސްތަކުން ތިބީ، އެކި ފަންތިތަކަކަށް ބަހައިފައި ކަމަށް ހުތުބާގައި ބުންޏެވެ. ޤަދަރުވެރީންނާއި ނިކަމެތީންންނާއި. ސާހިބުންނާއި އަޅުންނ ކަމަށް ހުތުބާގައި ބުންޏެވެ. ރިބާކެއުމާއި، ބުދަށް އަޅުކަންކުރުމާއި، ޣައިބު ދަންނަކަމަށް ދަޢުވާކުރުން އޮތީ އިންތިހާއަށް ފެތުރިފައިކަމަށް ހުތުބާގައި ބުންޏެވެ.

އެ ޒަމާނުގައި ޖިންނި ޝައިތާނުންގެ އެހީގައި ކަހީނުކަންކޮށް، ފާލުބަލައި ރަމަލުޖަހާ މީހުން އުޅުނު ކަމަށް ހުތުބާގައި ބުންޏެވެ. އެ ބައިމީހުން މީސްތަކުންގެ ނަސީބު ހުރި ނެތް ގޮތް ކިޔައިދީ، މީސްތަކުންގެ ތަނަވަސްކަމަށް އަރައިގަންނަ ކަމަށާއި އޭރުގެ މުޖުތަމައުގައި އަންހެނުންނަށް އެއްވެސް މަގާމެއް އަދި އަހެއް ނެތް ކަމަށް ހުތުުބާގައި ބުންޏެވެ. އަންހެނުންނަށް ވާރުތައިން ލިބޭ ހިއްސާއެއް ނޯންނަ ކަމަށާއި ނަމަވެސް  އަންހެނަކު މަރުވެއްޖެ ނަމަ، އޭނާގެ މުދާ އެހެން މީހުންނަށް ލިބޭ ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމް ދީން އައުމުގެ ކުރީން، އަންހެންދަރީން ދިރިތިއްބައި ވަޅުލުމަކީ ވެސް އަރަބީންގެ ތެރޭގައި ހިނގި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. މި ފަދަ އެތައް ސަބަބަކާ ހުރެ، މީސްތަކުން ތިބީ ހިދާޔަތުގެ އަލިކަމަކަށް އެދިއެދިއެވެ. ތެދުމަގު ހޯދުމަށް ކެތްމަދުވެފައި ކަމަށް ހުތުބާގައި ބުންޏެވެ.

”މީސްތަކުން މިފަދަ ހާލެއްގައި ވަނިކޮށް، މާތް اللَّه މީސްތަކުންގެ މައްޗަށް ދަރުމަވެރިވެވޮޑިގެން ތެދުމަގާއިގެން ފޮނުއްވި ބޭކަލަކީ، ކީރިތި ރަސޫލާ އެވެ. އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފު އޮތެވެ. ހަމަހަމަކަން އޮތެވެ. އެއީ ދުނިޔެއާއި އާހިރަތް ބާއްޖަވެރިކުރެވޭނެ މަގެވެ. އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމައު އެކުވެރިވިއެވެ. ހަތުރުން މިތުރުންނަށް ވިއެވެ. ނަރަކައިން މިންޖުވެ، ސުވަރުގެ ވަދެވޭނެ މަގު ފަހިވިއެވެ. ކީރިތި ރަސޫލާދެކެ ލޯބިވާން ޖެހެނީ މި ސަބަބުތަކަށް ޓަކައެވެ.“ ހުތުބާގައި ބުންޏެވެ.

ޖިންނީންނާއި އިންސީންނަށް ތެދުމަގުދެއްކެވުމަށް ޓަކައި މާތް اللَّه ފޮނުއްވެވި ރަސޫލާ ދެކެ ލޯބިވުމަކީ، ގުރްއާނާއި ސުންނަތުން ސާބިތުވާ ކަމެއްް ކަމަށް ހުތުބާގައި ބުންޏެވެ.