ސެޕްޓެމްބަރ 7, 2025

ތިނަދޫގެ 200 ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލައިފި،

ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ރޯހައުސްއަށް ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށައެޅުމަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ރޯހައުސް ދޫކުރުމާ ގުޅޭ އުސޫލު ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. މި ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ މިއަދު ބުނެފައެވެ.

މި ރޯހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހިޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ، އުމުރުން 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ.

އަދި މީގެ ކުރިން އެއްމެދު އިމާރާތަކުން 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެފައިވާ ފަރާތްތަކަށް މި ފުރުޞަތު ނުލިބޭނެއެވެ.

އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 7 ސެޕްޓެންބަރު 2025 ގެ 9:00 އިން ފެށިގެން 7 ނޮވެންބަރު 2025 ގެ 23:59 ނިޔަލަށެވެ.

މި ކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ މީހުން 4004919 ނަންބަރު ފޯނަށް ގުޅުއްވުމަށް ނުވަތަ މިނިސްޓްރީގެ އީމެއިންއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ތިނަދޫގައި މި 200 ރޯހައުސް ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައި ވަނީ 2022 ވަނަ އަހަރުގައެވެ. މި މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ރޯހައުސްތަކެއް އިމާރާތް ކޮށްފައިވެއެވެ.