އަލީބާބާގައި ދިވެހިންނަށް މުދާ ވިއްކޭނެ ގޮތް ހަމަޖައްސައިދޭން ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އީކޮމާސް ދާއިރާ ތަރައްގީކޮށް، ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ މާކެޓުތަކަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އަލީބާބާ.ކޮމްގައި ދިވެހިންނަށް މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ވޯކްޝޮޕެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ އެއީ އޮންލައިން ވޯކްޝޮޕެއް ކަމަށާއި އެ ވޯކްޝޮޕް ބާއްވާނީ މިމަހު 16 ގަ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެ ގޮތް ހަދައިދެއްވައި، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ސައީދު ވިދާޅުވި އެވެ.



