ސްކޭމް މައްސަލަތަކާ ގުޅިގެން ފުލުހުން މާފުށީ ޖަލު ރެއިޑްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، އެ ހިދުމަތަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރާ ތަހުގީގުތަކުން އެފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވޭ ކަމަށެވެ. އެހެންކަމުން މި މަހުގެ 11 ވަނަ ދުވަހު މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުންޏެވެ.
އެ އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި އިއާޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް އަދި ސިމްކާޑު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މޯބައިލް ފިޔަވައި ފެނުނު އެއްޗެހީގެ އަދަދެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ، ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.



