މިދިޔަ ޖުލައި މަހު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދައި ބޮކްސް އޮފީހުގައި ވެސް ރިކޯޑުތަކެއް މުގުރާލި ލޯބީގެ ފިލްމު ”ސައްޔާރާ“ ނެޓްފްލިކްސްގެ ގިނަ ރިކޯޑްތަކެއް ވެސް މުގުރަން ފަށައިފި އެވެ.
މޯހިތު ސޫރީ ޑައިރެކްޓްކޮށް ޔަޝް ރާޖް ފިލްމްސް އިން ގެނެސްދިން ”ސައްޔާރާ“ އަކީ ވައިއާރްއެފް އިން ނެޓްފްލިކްސްގައި ޕްރީމިއާ ކުރި އެ ޕްރޮޑަކްޝަން ކުންފުނީގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ. އެ ފިލްމު ނެޓްފްލިކްސްގައި ރިލީޒް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ފިލްމު ނެރުނުތާ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 3.7 މިލިއަން ވިއުސް ހޯދާފައިވާއިރު ގިނަ ގައުމެއްގެ ޓްރެންޑިން ފިލްމުގެ މަގާމުވެސް ވަނީ ވެފަ އެވެ. އަދި ސައްޔާރާ ވަނީ ނެޓްފްލިކްސްގެ ގްލޯބަލް ނޮން އިންގްލިޝް ޗާޓްތަކުގެ އެއްވަނަ ވެސް ހޯދައިފަ އެވެ.
އެގޮތުން ރާއްޖޭގެ ޓްރެންޑިންގެ އެއްވަނަ ވެސް ސައްޔާރާ ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން އެ ފިލްމުން ވަނީ އިންޑިއާ، ޕާކިސްތާން، ޔޫއޭއީ، ސްރީ ކަންކާ، ބަންގްލަދޭޝް، އޯމާން، ބަހްރައިން އަދި މޮރިޝަސްގެ އެއްވަނަ ވެސް ހޯދައިފަ އެވެ.



