މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން މިދިޔަ އަންގާރަ ދުވަހުކުރި މުޒާހަރާ ކޮންްޓްރޯލް ކުރުމުގެ ތެރެއިން އެއްވެސް ނޫސްވެރިއަކަށް އަނިޔާކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލިސް އިދާރާއަކީ އެއްވުން މަނާ ސަރަހަދެއް ކަމަށާއި އެއްވުން މަނާނޫން ސަރަހައްދެއްގައި ވެސް އެއްވެވޭނީ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދައިގެން ކަަމަށެވެ. އެހެންކަމުން އަންގާރަ ދުވަހު ނޫސްވެރިން މަޖިލިސް ކައިރީއަށް އެއްވީ ގާނޫނާހިލާފަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަޖިލީހުގެ އިދާރާ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކޮށްފައިވާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން މަޖިލިސް އިދާރާ ސަރަހައްދުން ދުރަށް ގެންދިޔުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
”މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ،“ ފުލުހުން ބުންޏެވެ.
”މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރަމެވެ. އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައި ވެސް، ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެންނެވެ،“
އިތުރަށް ފުލުހުން ބުނީ އެއްވުމުގެ ބައިވެރިންނަށް އަނިޔާކުރާ ފަދަ މޭރުމަކުން ދައުރުކުރާ ފޮޓޯތަކަކީ ވަކި އޭންގަލްއަކުން ނަގައިގެން ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރާ ފޮޓޯތަކެއް ކަމަށެވެ.
ނަމަވެސް އެ ދުވަހުގެ މުޒާހަރާ ކޮންޓްރޯލްކުރުމުގައި އަމަލުކުރި ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި
އެއާޕޯޓަގައި ގަވާއިދާ ހިލާފަށް ޑޮލަރުތަކެއް މާރުކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި، ކަންވެ ނިމުނުއިރު ބިލާ ހަވާލުވީ ސަރުކާރުން!
އެޑިޓަރުންގެ ޖަމިއްޔާ ވަނީ ޕެރެލައިޒް ވެފައި، އެ ޖަމިއްޔާ އިން ހިރިގާ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަލީތަކުރުފާނު ހޯދަނީ
ސްކޭމްތަކާ ގުޅިގެން މާފުށި ޖަލުގައި އޮޕަރޭޝަނެއް، 33 ފޯނާއި އިލެކްޓްރޯނިކް ސާމާނު