މުޖުތަމައުގެ ތެރޭގައި ހިނގާ ފާހިޝް އަަމަލުތައް ހުއްޓުވަން މަސައްކަތް ކުރުމަކީ މިނިވަންކަމަށް އަރައިގަތުން ކަމަށް މިހާރު ހަދާފައިވާ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ އަހަރެމެންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ގަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބައެއް ކަމަށެވެ. ހުތުބާގައި ބުނީ އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ސުލްހަވެރިކަމާއި އަހުވަންތަކަމާއެކުގައި ކަމަށެވެ. ނަމަވެސް ފަހުގެ ތާރީހުގައި އަހަރެމެންގެ މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި އަހުލާގީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެ އާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
”މުޖުތަމައުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ރަށުތެރޭގައި ނިވާކަން ކުޑަ ފޮޓޯތަކާއި އިޝްތިހާރުތަކާއި ސޫރަތައް ހަރުކުރަނީ ވެސް ހަމަ އަހަރެމެންނެވެ. މި ކަންކަމަކީ އަހަރެމެންނަށް ހައްލުކުރެވޭން ހުރި ކަންކަމެވެ. މިއިން ކަމެއްގެ ވާހަކަދައްކައި، އެކަމެއް ހުއްޓުވާންއުޅޭ މީހާ ވަނީ، އެހެން މީހުންގެ މިނިވަންކަމަށް އަރައިގަންނަ މީހެއްކަމުގައެވެ. އިންސާފަކީ ފަހެ މިއީހެއްޔެވެ“ ހުތުބާގައި ބުންޏެވެ.
ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، އީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް އައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުން އާންމުވެފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. މިފަދަ މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއެެއް ނޯންނާނެ ކަމަށާއި ނަމާދުކުރުމުން ލިބުނު މަތިވެރި ސަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީ ކަމަށް ހުތުބާގައި ބުންޏެވެ.
ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެއް ކަމަށާއި ނަމަވެސް، މިކަންކަން ހަނދުމަ ނައްތާލައި، ވިޔަފާރީގައި މަކަރާއި ހިލަތްހަދައި، މީސްތަކުންގެ މުދާތައް ބާތިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ހަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނިކުންނަ ނަތީޖާއަކީ، އޭގައި މާތް الله ބަރަކާތްނުލެއްވުން ކަމަށް ހުތުބާގައި ބުންޏެވެ.
”ހަރާމް އެއްޗެއް ކައިގެން، ނުވަތަ ހަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން، ހެދިބޮޑުވާ ހަށިގަނޑަކީ، ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެކެވެ. މި ކަމަކީ އެހައިމެ ބިރުހުރި ކަމެކެވެ. ބަންގީގެ އަޑު އިވުނަސް، މާއްދިއްޔަތަށް ޓަކައި ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ހިދުމަތްދޭން ތިބެނީ ވެސް ހަމަ އަހަރެމެންނެވެ.“ ހުތުބާގައި ބުންޏެވެ.
”ޝައްކެއްނެތް ގޮތުގައި އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް އާންމު ވެއްޖެ ނަމަ، އެ މުޖުތަމައެއް ފަސާދަވެ ފަނާވެދާނެއެވެ. ވީމާ، މިފަދަ ކަންކަމުން މުޖުތަމައު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމައެއްގެ އެންމެހައި ފަރުދުންނާއި، ޖަމާއަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެކެވެ“




ގުޅުންހުރި
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!:
ދުންޔަވީ އެދުންތަކުގައި މަޝްއޫލުވެ, ގާފިލުކަމުގެ ތެރޭގައި ހޭދަކުރާ ޒުވާނުން ދަނީ އިތުރުވަމުން: