ސައޫދީގެ އެންމެ މަތީ މުފްތީ އަދި އެ ގައުމުގެ އިސް ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަވަހާރަވެއްޖެ

ސައޫދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި ސައޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާހަތުއްޝައިޚު އަބްދުލްއަޒީޒު ބިން އަބްދުﷲ އާލު ޝައިޚު އަވަހާރަވެއްޖެ އެވެ.

”ޝައިހް އަވަހާރަވުމާއެކު، ސައުދީ އަރަބިއާ އަށާއި އިސްލާމީ ދުނިޔެއަށް ގެއްލިގެން އެ ދިޔައީ ތައުލީމު ފެތުރުމުގައާއި އިސްލާމް ދީނަށާއި މުސްލިމުންނަށް އެތައް ހިދުމަތެއް ކޮށްދެއްވި އުސްތާޒެއް، ސައުދީ ރަސްގެފާނުގެ އޮފީހުން ނެރެފައިވާ ބަޔާނަކާ ހަވާލާދީ އެ ގައުމުގެ ސައުދީ ނިއުސް އެޖެންސީގައި ބުނެފައިވެ އެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުން ޝައިހް އަބްދުލްއަޒީޒުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު ރިޔާދުގައި ހުންނަ އިމާމް ތުރްކީ ބިން އަބްދުالله މިސްކިތުގަ އެވެ.

އޭގެ އިތުރުން މައްކާގައި ހުންނަ މަސްޖިދުލް ހަރަމްގައާއި މަދީނާގައި ކީރިތި ރަސޫލާގެ މިސްކިތް، މަސްޖިދުއް ނަބަވީ އަދި ސައުދީގެ ހުރިހާ މިސްކިތެއްގައި ޝައިހްގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމަށް އެ ގައުމުގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު ވަނީ އަންގަވައިފަ އެވެ.

ޝައިހް އަބްދުލްއަޒީޒަކީ ސްކޮލާލީ ރިސާޗް އެންޑް އިފްތާގެ އާންމު ރައީސްގެ މަގާމާއި މުސްލިމް ވޯލްޑް ލީގް (ރާބިތަތުލް އާލަމީލް އިސްލާމީ)ގެ ސުޕްރީމް ކައުންސިލްގެ ޗެއާމަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ސައުދީގެ އެންމެ މަތީ މުފްތީގެ މަގާމަށް ޝައިހް އަބްދުލްއަޒީޒް އައްޔަން ކުރެއްވީ 1999ގައެވެ. އޭރު އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްއަޒީޒް ބިން ބާޒް އަވަހާރަވުމާއި ގުޅިގެންނެވެ.