ހުޅުމާލޭ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެގެ ހުކުރު ނަމާދު ވަގުތު ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ހުޅުމާލެ އޯސީސީގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ތުހުމަތުގައިވާ ޖަހަންގިރް މިއާ ނަމަކަށް ކިޔާ 25 އަހަރުގެ ފިރިހެނަކު އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 އިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ސީސީޓީވީ ކެމެރާ ފުޓޭޖު ބަލައިގެންނާއި އެހެނިހެން ގޮތްގޮތަށް ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން މީހާ ދެނެގަނެ ލޮކޭޓް ކޮށްގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އޭނާ ހަމަލާދިން ސަބަބެއް އަދިވެސް ނޭނގެ އެވެ.



