ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (މައިފޫނާ)ގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ހަތަރު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ ފެނަކައާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2018 ވަނަ އަހަރުވި އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ފެނަކައިން ދޫކޮށްފައިވާ މައްސަލައެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުން އެ އަމަލުގެ ސަބަބުން ފެނަކައަށް 848,000 ރުފިޔާގެ ގެއްލުން ވަނީ ލިބިފަ އެވެ.
މި މައްސަލައިގައި ސައީދުގެ މައްޗަށް ދައުލަތުން އުފުލީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ސައީދުގެ އިތުރުން ފެނަކައިގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ވެސް އެ ދައުވާ ދައުލަތުން އުފުލި އެވެ.
މިއީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކުށެކެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވެސް އެއް އަހަރާއި ހަ މަހަށް ޖަލަށް ލާން އެދުނުއިރު ސައީދުގެ ދިފާއީ ވަކީލުން ވެސް ވަނީ ކުށުގެ ރެކޯޑެއް ނެތުމާއި ދިފާއުގެ ބޮޑު ބައި ސާބިތުކޮށްދެވިފައިވާތީ، އަދަބު ކުޑަކޮށްދޭން އެދިފަ އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ، ސައީދަށް މިހާ ހަރުކަށި އަދަބެއް ކަނޑައެޅީ ރާއްޖޭގައި ކޮރަޕްޝަނުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ކުރާ މީހުންނަށް މެސެޖެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ސައީދަށް ކަނޑައެޅި އަދަބަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށްތަކަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބެވެ.




1 Comment
ގުޅުންހުރި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ގާޒީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރަން ހުށަހަޅަން ނިންމައިފި
ރައުދަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް، ތަންފީޒުކުރާނެ ހުކުމެއް ނެތް
ޑްރަގު މައްސަލައެއްގައި އެންޑީއޭގެ މުވައްޒަފަކު އަނެއްކާވެސް ހައްޔަރުކޮށްފި
ކުރީގެ ފަނޑިޔާރު ފައިސަލްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަނީ
އަބްދުއްރަހުމާން މަރާލި މައްސަލައިގައި ތިން މީހުންނަށް ދައުވާކޮށްފި