އޮކްޓޯބަރ 13, 2025

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މާނު 12 އަހަރަށް ޖަލަށް!

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި އޭނާ ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން 298،000 ޑޮލަރު (ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ) ޖަމާކޮށްފައިވާތީ އެއީ ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށްވާތީ އެވެ.

އެ މައްސަލައިގައި މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ އޭޕްރިލް 2024 ގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ ހަތް ދައުވާގެ ތެރެއިން ދެ ދައުވާގެ ހުކުމް މިއަދު ކްރިމިނަލް ކޯޓުން އިއްވާފައިވާ ކަމަށެވެ. އެގޮތުން ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅުއްވައި މައުމޫން 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމް ކުރައްވާފައިވާ ކަމަށް ބުންޏެވެ.

ކްރިމިނަލް ކޯޓާ ހަވާލާދީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ބާކީ ފަސް ދައުވާގެ ހުކުމް އެހެން ދުވަހެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި މެނޭޖިން ޑިރެކްޓަރުކަމުގައި ހުރި ނަމަވެސް އެ ވެރިކަން ބަދަލުވުމާއެކު މައުމޫން ވަނީ ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ފުރައިގެން ދިޔައިރުވެސް ބޮޑެތި ތުހުމަތު ތަކަކާއެކު މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައި އޮތެވެ. އަދި އޭނާ ރާއްޖެ އިން ފުރައިގެން ދިޔައީ އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އެ ކޮމިޝަނުން ކޯޓުގައި އެދިފައި އޮއްވަ އެވެ.

އޭނާ އެނބުރި ރާއްޖެ އައީ އޮގަސްޓް 2024ގަ އެވެ. އެއީ ރިޝްވަތުގެ ހަތް ދައުވާ އުފުލައި އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފެށުމުންނެވެ. އޭނާ ރާއްޖެ އައުމާއެކު ވަނީ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކޮށްފަ އެވެ.