ފިލިޕީންސްއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 61 އަށް އަރައިފި އެވެ.
ފިލިޕީން އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީން ބުނީ, ރޭ 6.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ ފަސް ކިލޯމީޓަރު އަޑިއަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ރެކޯޑް ކޮށްފައިވާ ގޮތުން ބިންހެލުން އައިސްފައިވަނީ 7 މެގްނިޓިއުޑްގަ އެވެ. މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެ އެވެ.
ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގައި ކަމާބެހޭ ޓީމުތަކުން ހަރަކާތްތެރިވަމުންދާއިރު މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބުނެ އެވެ.
ބިންހެލުމުގައި ޗެބޫގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސް އެއްވެސް ވަނީ ވެއްޓިފަ އެވެ. އެ ވަގުތު އެ ތަނުގައި ބާސްކެޓް މެޗެއް ކުޅެމުންދިޔައިރު, އިމާރާތް ވެއްޓުމުގެ ސަބަބުން ގިނަ ބަޔަކު މަރުވި ކަމަށް ވަނީ ބެލެވިފަ އެވެ.



