ދިވެހި ވަތަނީ ހިދުމަތް މިއަދު އިފުތިތާހުކޮށްފި އެވެ.
އެ ހިދުމަތް އިފުތިތާހު ކުރީ ޅ. މާފިލާފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދައުލަތުގެ އިއްޒަތްތެރިންނާއި ވަޒީރުންނާއި ސަރުކާރާއި ގައުމީ ދިފާއީ ބާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ވަތަނީ ހިދުމަތް އިފުތިތާހުކުރެއްވުމުގެ ގޮތުން ދިވެހި ވަތަނީ ހިދުމަތުގެ ދިދަ ހަވާލުކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ, ޒުވާން ޖީލެއް ބިނާކޮށްގެން ކަމަށްވާއިރު ގައުމުދެކެ ލޯބިވާ, އިސްލާމް ދީން ދެކެ ލޯބިވާ, ފަހުރުވެރި, ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަކީ މުސްތަގުބަލު އުޖާލާކޮށް, އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދިއުމަށް ތަމްރީނުގެ ބައިވެރިންނަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގައި 350 އަށްވުރެ ގިނަ ބައިވެރިން ހޮވުނު ނަމަވެސް ތަމްރީން ހެދުމަށް މާފިލާފުއްޓަށް ގޮސްފައިވަނީ 343 ބައިވެރިންނެވެ. އެއީ ރާއްޖޭގެ 107 ރަށަކުން, އުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުންނެވެ.
މި ބައިވެރިން މާފިލާފުށީގައި ތިން މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަ ކުރާނެ އެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް, އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް, ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް, ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް