އިގުތިސާދީ ދުވެލި ހުރީ ރަނގަޅު ސްޕީޑުގައި, ކަންބޮޑުވެ ހާސްވާންޖެހޭ ކަމެއް ނެތް: ރައީސް

ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ދުވެއްޔެއްގައި ކަމަށާއި ކަންބޮޑުވެ ހާސްވާންޖެހޭ ގޮތަކަށް އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, މި ސަރުކާރަކީ ރައްޔިތުން ތަފާތު ކުރާނެ ސަރުކާރެއް ނޫން ކަމަށާއި އެންމެ ކުޑަ އާބާދީ އޮންނަ ރަށް ނަމަވެސް ހުރިހާ ރައްޔިތުން މި ސަރުކާރަށް ހަމަހަމަވާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް މަޝްރޫއުއެއް ފަށައި, އަމަލީ ގޮތުން ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ހުރިހާ ކަމެއް ކުރަނީ މި ސަރުކާރަށް ވާރުތަވި އިނދަޖެހިފައި އޮތް އިގުތިސާދު ނަގައި ކޮޅަށް ޖަހަމުން ކަމަށް ވިދާޅުވި އެވެ.

”….މި ހުރިހާ ކަމެއް މި ކުރަނީ އަޅުގަނޑުމެންނަށް ވާރުތަވި, ހަލާކުވެފައި, އިނދަޖެހިފައި, ވަޅުޖެހިފައި އޮތް އިގުތިސާދު ނަގައި ކޮޅަށް ޖަހަމުން. މިހާރު އަޅުގަނޑުމެންގެ އިގުތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑުގައި. ރަނގަޅު ގޮތުގައި. ރަނގަޅު މަގުގައި މިދަނީ ކުރިއަށް. އެއްވެސް ވަރަކަށް ކަންބޮޑުވެ ހާސްވާންޖެހޭ ގޮތަކަށް ކަމެއް ނެތް. އަޅުގަނޑުމެން ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކަމުން..,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ކުރިއަށް އޮތް ތަނުގައި ދައްކަން ހުރި ދަރަނިތައްވެސް ދެއްކޭނެ ގޮތްތައް ރާވަމުން ކަމަށާއި އެއްވެސް ކަންބޮޑުވުމެއް ނެތި އެ ލޯނުތައް ދައްކަވާނެ ކަމަށެވެ.