މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3,000 ފްލެޓް އަޅަން ފަށާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3,000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލެ އާއި އަތޮޅުތެރެއަށްވެސް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެއީ އެ މަނިކުފާނުގެ އެންމެ ބޮޑު ވައުދު ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ވައުދުވި ގޮތަށް ކަންކަން ހަމަޖައްސަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

”މާލޭގައި އެންމެ މަދުވެގެން 3,000 ހައުސިން ޔުނިޓުގެ މަޝްރޫއެއް މި މާލެ ސިޓީގައި މިއަހަރު ތެރޭގައި ފަށާނަން,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އިތުރު 4,000 ހައުސިން ޔުނިޓެއް އިމާރާތް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއުއަށް ބޭނުންވާ ހުރިހާ ކަމެއް ނިމެމުންދާ ކަމަށެވެ.

އޭގެ އިތުރުން އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ގޯތިތަކާއި ފްލެޓްތައް އެއްވެސް ބަދަލެއް ނުގެނެސް ހަވާލުކުރަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.