އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު މި މަހު 24 އަދި 25 ގައި ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
މިދިޔަ ސެޕްޓެންބަރު މަހުގެ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އައްޑޫ ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދިފައިވާ ގޮތަށް ބަދަލު ގެންނަން އައްޑޫ މީހުން ބޭނުންވާކަން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ މަނިކުފާނަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެކަމަށް ވައުދުވެސް ވެވަޑައިގެންފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އަހައި ގޮތެއް ނިންމަންޖެހޭ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
އެ މައްސަލައިގައި ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވައިފަ އެވެ.
އޭގެ އިތުރުން އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް މި ވޯޓުގައި ހިމެނުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެވެ.
ރައީސް އޮފީހުން ބުނީ، އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވަނީ، މި މަހުގެ 24 އަދި 25 ވާ ހަފުތާ ބަންދުގެ ތެރެއިން ދުވަހެއްގައި ކަމަށެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
އައިއެމްޑީސީގައި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ނިޔާވި މައްސަލަ ބަލަނީ
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ