ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް، ތަހުގީގު ކުރިއަށް!

ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުންވެސް އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޕީއެލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެ ކުންފުނީގެ ހުޅުމާލެ ޓާމިނަލް އިން ގެއްލިފައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައަކީ ފުލުހުންގެ ތަހުގީގުގެ މަރުހަލާގައިވާ މައްސަލައަކަށް ވުމާ އެކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް އެމްޕީއެލުން ބުންޏެވެ.

”އަދި، މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ވެސް އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދާކަން މީޑިއާގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،“ އެ ކުންފުނިން ފޮނުވި މެސެޖުގައި ބުންޏެވެ.

އެމްޕީއެލުން ބުނީ މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާ އެއްގޮތަށް އެ ކުންފުނިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ތަންފީޒު ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ 13.6 މިލިއަން ސިނގިރޭޓެވެ.