އެމެރިކާގެ އަސްކަރީ ހަތިޔާރު އުފައްދާ ފެކްޓްރީއެއް ގޮވައި 19 މީހަކު ”ގެއްލިއްޖެ“

އެމެރިކާގެ ވެނެސީގައި ހުންނަ އަސްކަރީ ހަތިޔާރު އުފައްދާ ފެކްޓްރީއެއް ގޮވައި 19 މީހަކު ގެއްލިއްޖެ އެވެ.

އެކުއިރޭޓް އެނާޖެޓިކް ސިސްޓަމްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެ ގުދަނުގައި މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ފެކްޓްރީ ގޮވި ސަބަބެއް އަދި ނޭނގެ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި އަލިފާން ރޯވި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި ފެކްޓްރީ ގޮވި އަޑު އެތައް މޭލަކަށް އިވިގެންދިޔަ ކަމަށް މީހުން ރިޕޯޓް ކޮށްފައިވެ އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ސީދާ ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ހާދިސާ ހިނގި އިރު، ފެކްޓްރީގައި މީހުން މަސައްކަތް ކުރަމުން ދިޔަކަން ވަނީ ޔަގީންވެފަ އެވެ.