ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމުތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝައި ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް ”ކޮސް ގިނަ މިސްޓޭކް“ (ކޭޖީއެމް) ގެ ޓިކެޓް ބުކިންއަށް ހުޅުވާލައިފި އެވެ.
އަންނަ ނޮވެމްބަރު މަހުގެ ފަހެއްގައި ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމް އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވަނީ ނޮވެމްބަރު 19ގެ ނިޔަލަށެވެ. އެގޮތުން މިހާރު ފިލްމްގެ ފަސް ޝޯއެއްގެ ޓިކެޓް ބުކިންއަށް ހުޅުވާލާފައިވާއިރު، 7743399 އަށް ވައިބާ މެދުވެރިކޮށް ޓިކެޓް ބުކް ކުރެވޭނެ އެވެ.
ކޮސް ގިނަ މިސްޓޭކްގެ ޓްރެއިލާ އަދި ފިލްމުގެ ޕޯސްޓަރު ވެސް ނެރެފައިވާއިރު ސެޓާން ސްޓޫޑިއޯ އަދި ޝައި ޕްރޮޑަކްޝަނުން ބުނާ ގޮތުން މި ފިލްމު ވެގެންދާނީ މި އަހަރު އޮލިމްޕަހުގައި ރަހަތަފާތު ކޮށްލާ ފިލްމަކަށެވެ.
ލޯބީގެ އިތުރުން ހިތްދަތިކަމާއި އިޖުތިމާއީ ފިލްމުތަކަށް ފަހު ބެލުންތެރިން ހެއްވާލާ މާޖާ ފިލްމެއްގެ ގޮތުގައި ކޮސް ގިނަ މިސްޓޭކް އޮލިމްޕަސް ސިނަމާއަށް އަންނައިރު، މި ފިލްމްގެ އިންތިޒާރުގައި މިހާރުވެސް ގިނަ ބެލުންތެރިން ތިބިކަން ފާހަގަކޮށްލެވެ އެވެ.
ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމްގެ ޕޮރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނި ގޮތުގައި އެ ޕްރޮޑަކްޝަނުން ނެރުނު ”ނޯޓީފޯޓީ“ އާއި ”ފޯޓީ ޕްލަސް“ ފަދަ ހިޓް ފިލްމްތަކަށްފަހު ކޮސް ގިނަ މިސްޓޭކް ވެސް ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ވަރުގެ ފިލްމަކަށެވެ.
ސެޓާން ސްޓޫޑިއޯ އަކީ ވެސް މިހާރު ރާއްޖޭގައި އެންމެ މަގުބޫލު އެެއް ޕްރޮޑަކްޝަން ހައުސް އެވެ. އެގޮތުން އެ ސްޓޫޑިއޯ އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ”ކަމަނާ“ އާއި މި އަހަރުގެ މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމު ”ކަނބުލޮ“ ފަދަ ފިލްމު އުފައްދައި ބެލުންތެރިންގެ އިތުބާރު ހޯދައިފަ އެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން އެވެ. ފިލްމް ޝޫޓް ކޮށްފައިވަނީ މި އަހަރު ކުރީކޮޅު މ. މުލަކުގައެވެ.
މި ފިލްމަކީ މި ފަހުގެ ތާރީޚެއްގައި ފިލްމީ ދާއިރާގެ އެންމެ ގިނަ ތަރިން އެއް ފިލްމަކުން ފެނިގެންދާނެ އެއް ފިލްމެވެ. އެގޮތުން ފިލްމުގެ ތަރިންގެ ތެރޭގައި ޔޫއްޕެ އާއި ސީޒަންގެ އިތުރުން އާމިނަތު ރިޝްފާ، މަރިޔަމް އައްޒަ، އަހްމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެ އެވެ.
މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ.
މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމުގެ ލަވަތައް ކިޔާފައިވަނީ ތޭރަ، މަރިޔަމް އަޝްފާ އާއި ޖަލާލްގެ އިތުރުން ފުބޫ އެވެ. ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދުއެވެ.

ގުޅުންހުރި
”ކަނބުލޮ“ ފިލްމުގެ ވާހަކަ ފޮތް ވިއްކަން ފަށައިފި