އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީގެން އުޅޭ ފްލެޓް ވެރިންނަށް އެޗްޑީސީން ވެސް އިންޒާރެއް

ހުޅުމާލެ 2ގެ ހިޔާ ޓަވަރު ސަރަހައްދު ---

އެޗްޑީސީން ތަރައްގީކޮށް ބަލަހައްޓަމުން ގެންދާ ސޯޝަލް ހައުސިން ފުލެޓް ލިބިފައިވާ ފަރާތްތަކުން, އެ ތަން އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާނަމަ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން އަނެއްކާވެސް ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައި މިވަނީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 4،000 ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމާއެކު، އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރަން ފަށާފައިވާ މައްސަލަތަކެއް ފެންމަތިވެ, ފްލެޓް އަތުލާނެ ކަމަށް އެފްޑީސީ އާއި ހައުސިން މިނިސްޓްރީންވެސް ބުނެފައިވަނިކޮށެވެ.

އެހެން ބުނި އިރު, އެޗްޑީސީން ބަލަހައްޓަމުން ގެންދާ ހިޔާ ފުލެޓުތަކަށް ދައްކަންޖެހޭ ކުއްޔަށްވުރެ މާބޮޑު އަގުތަކުގައި އެހެން މީހުންނަށް ކުއްޔަށް ދީގެން އުޅޭ މައްސަލަތައް ވަރަށް ގިނަ އެވެ. އެ މައްސަލަތަކުގައި މީގެ ކުރިންވެސް އެޗްޑީސީން ވަނީ އިންޒާރު ދީ, ބަޔާން ނެރެފަ އެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ, ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔަވާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް, އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށްވާތީ, އެ ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން ސޯޝަލް ހައުސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލަމުން ގެންދާނެ ކަމަށާއި އަދި އެއްބަސްވުމާ ހިލާފަށް, އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ އެ ފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.