އިޒްރޭލުން ދޭ އެންމެ މަތީ މަދަނީ ޝަރަފް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދޭން ނިންމައިފި އެވެ.
އިޒްރޭލަށް ޓްރަމްޕް ކުރާ ދަތުރުގެ ތެރެއިން އޭނާއަށް އިޒްރޭލުން ދޭ އެންމެ މަތީ ޝަރަފު ދޭން ނިންމާފައިވާކަން އިއުލާންކުރީ އެ ގައުމުގެ ރައީސް އައިސެކް ހެރްޒާގެވެ.
އައިސެކް ހެރްޒާގު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޓްރަމްޕަށް އެ ޝަރަފު ދޭން ނިންމީ އޭނާގެ ބުރަ މަސައްކަތުން ހަމާސް އިން އަސީރުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތްކުރުމުގެ އިތުރުން އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމުންނެވެ.
ޓްރަމްޕްގެ ދަތުރުގައި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރުމުގެ އިތުރުން ހަމާސް އިން މިނިވަންކުރި މީހުންނާއި އެ މީހުންގެ އާއިލާތަކާ ބައްދަލުކުރާނެ އެވެ. އެއަށްފަހު ދުނިޔޭގެ 20 ލީޑަރުން ބައިވެރިވާ ޣައްޒާ ޕީސް ސަމިޓަށް މިސްރަށް ފުރާނެ އެވެ.



