އޮކްޓޯބަރ 23, 2025

ޒާހިރު، ޝަހީމަށް: ރިބާގެ ހުތުބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާ ވެސް ވާނީ ކިޔާފައި!

ކުރީ ސަރުކާރުގައި ރިބާގެ ހުތުބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާ ނުކިޔައި ފޮރުވިކަމަށް ވިދާޅުވެ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަތައް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ދޮގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ހުތުބާއެއް ފޮރުވައިފައި އޮތް ކަމަށާއި އެއީ ރިބާގެ ހުތުބާ އާއި ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާއެއް ކަމަށެވެ.

ފޮރުވާފައި އޮއްވައި މި ސަރުކާރުން އެ ދެ ހުތުބާ ވެސް މިދިޔަ އަހަރުގެ ތެރޭގައި ކިޔާފައިވާނެ ކަމަަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ”ފަލަސުރުހީ“ ޕްރޮގްރާމުގައި އެކަމަށް ރައްދުދެއްވަމުން، އޭރުގެ އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވީ ވެރިންގެ މަސްއޫލިއްޔަތާ ގުޅޭ ހުތުބާ ލިޔުއްވައި، އިސްލާމީ މަރުކަޒުގައި އެ ހުތުބާ ވިދާޅުވެދެއްވީ ވެސް އޭރުގެ ސްޓޭޓް މިނިސްޓަރު ޝައިޚް އަނީލް ކަމަށެވެ.

ރިބާއާ ގުޅޭ ހުތުބާ ވެސް 2022 ވަނަ އަހަރުގެ މެއި 27 ގައި ކިޔާފައިވާނެ ކަމަށާއި އެ ހުތުބާގެ ވާހަކަތައް ނޫސްތަކުގައި ވެސް ލިޔެފައިވާ ކަމަށް ޒާހިރު ވިދާޅުވިއެވެ.