ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަވަނަ މީހާއަކީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފިއެވެ.
އެ މައްސަލައިގައި މިއަދުގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ.މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54އ) އެވެ.

ފުލުހުން މިއަދު ބުނީ އާދަމް ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ގާޒީ އާއިޝަތު ނުޒުހާ ނެރުއްވި އަމުރުގައިވާ ގޮތުން، އެ މައްސަލައިގައި ހައްޔަރުކުރި އާދަމް ވަހީދަކީ ކޮންޓެއިނަރު ގެންދިޔަ ދޯނީގެ ކެޕްޓަން ކަމަށް ފުލުހުންގެ އައިއޯ ވަނީ ފާހަގަކޮށްފައެވެ.
ކޯޓު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އަމަލުގައި އާދަމް ވަހީދަށް ތުހުމުތަކުރެވެނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތެވެ.
އޭނާގެ މައްޗަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާ އިރު، ކަސްޓަމްސް ސާވިސްގެ ސިޓީއަކާއި އިންޓެލިޖެންސް ރިޕޯޓެއް ވަނީ ހުށަހަޅައިފައެވެ. އަދި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ލިޔެކިޔުންތައް ވެސް ވަނީ ހުށަހަޅައިފައެވެ.
އާދަމް ވަހީދުގެ ބަންދަށް ހަތް ދުވަސް ޖަހާފައިވަނީ، ވަކީލާ ބައްދަލުކޮށް މަޝްވަރާކުރެވިފައިނުވާތީ، ކުރު މުއްދަތެއް ދިނުމަށް އެދިފައިވާތީއެވެ.
ފުލުހުން އިއްޔެ ބުނީ ދެ ކޮންޓެއިނަރުގެ ބައިތައް މިހާރު ފެނިފައިވާ ކަމަށާއި އެތަކެތި ފެނުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
ފުލުހުން ވަނީ އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ވެސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ)، އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުން ފުލުހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ހަސަން އަބްދުއްރަހްމާންގެ މައްޗަށް ފުލުހުން ކުރަނީ ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް އެހީތެރިވުމުގެ ތުހުމަތެވެ.
އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އެއީ މއ. އެވާ ގްލޯރީ، ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ބ. އޭދަފުށީ، ދިގަލި، ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ހ. ނިއު ހެޕިނަސް، މުއާޒު އަލީ އަދި ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއިލްއެވެ.
އެ އެންމެންނަށް ވެސް ފުލުހުން ވައްކަމުގެ ތުހުމަތުކުރާ އިރު، ވިޔަފާރިވެރިން ކަމަށްވާ އާރިފާއި ދިގަލި ވަހީދު އެ ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުކުރެއެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓައެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.




6 Comments
ގުޅުންހުރި
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް