އައްޑޫ ސިޓީ ހިތަދޫގައި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ދެމަފިރިންގެ ހަށިގަނޑު، ސާމްޕަލްތައް ނެގުމަށްފަހު އާއިލާއާ ފުލުހުން ހަވާލުކޮށްފިއެވެ.
އައްޑޫގައި އެ ދެމީހުން މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ބުދަ ދުވަހު އެ ދެމީހުން ދިރިއުޅޭ ގޭގެ ތެރެއިންނެވެ. އެ ދެމީހުންގެ މަރުގައި ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް އެ ދުވަހު ފުލުހުން ބުނެފައިވެއެވެ.
އައްޑޫގައި މަރުވެފައި އޮއްވައި ފެނުނު ދެމީހުންނަކީ ސ. ހިތަދޫ، ކުރޭންގެ، އިބްރާހިމް އަބްދުﷲ (60އ) އާއި ސ. މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު (52އ) އެވެ.
ފުލުހުން މިއަދު ބުނީ ސާމްޕަލް ނަގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ހަށިގަނޑު މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށާއި އެ ދެމީހުންގެ މަރުގެ މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް ސާމްޕަލްތަކަށްފަހު އެއްވެސް އިތުރު ކަމެއް ފާހަގަވިކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
އެ ދެމީހުންގެ ޖަނާޒާ މިއަދު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިބްރާހިމް އަބްދުﷲ ގެ ޖަނާޒާ އޭނާގެ އުފަން ރަށް ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ފަރަހަނާޒްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭނާގެ އުފަން ރަށް މަރަދޫގައެވެ. އެ ދެމީހުންގެ ކަށުނަމާދު ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހުކުރު ނަމާދަށްފަހުއެވެ.



ގުޅުންހުރި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި