ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރަސްމީ ދަތުރެއްގައި އިންފަންޓޯ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނެވުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގާއި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ބައިވެރިވެވަޑައިގެންނެވިއެވެ.
އިންފަންޓޯއަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަފުލާގައި މިނިސްޓަރު ތޯރިގާއި ތޮލާލް އަދި ޓޮމްގެ އިތުރުން ފުޓުބޯޅައިގެ އިސް ބައެއް ބޭފުޅުންނާއި ގައުމީ ޓީމުގެ ކުޅުންތެރިން އަދި ރާއްޖޭގެ އެކި ފުޓުބޯޅަ އެކަޑަމީތަކުގެ ކުދިން ބައިވެރިވިއެވެ.

އިންފަންޓީނޯގެ މި ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން އިންފަންޓީނޯގެ މި ދަތުރުގެ ޝަރަފުގައި ބާއްވާ ފުޓްބޯޅަ މެޗެއްގައި އިންފަންޓީނޯއާއި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.

އެފްއޭއެމުން ބުނީ އެ ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން އެ މެޗުތައް ބެލުމަށް ދަނޑަށް ދިއުމަށް އެފްއޭއެމުން ވަނީ އެދިފައެވެ.
މިއީ ފީފާ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އޭގެ ކުރިން 2006 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވީ އޭރު ފީފާގެ ރައީސްކަމުގައި ހުންނެވި ސެޕް ބްލެޓާއެވެ. އޭނާ ރާއްޖެއަށް އެ ދަތުރުކުރެއްވީ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.




ގުޅުންހުރި
ފީފާގެ ރައީސް އާއި ރައީސް މުއިއްޒުގެ ފުޓްބޯޅަ މެޗެއް މާދަމާ