މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި އަދި ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”މާތް اللهގެ ވަލިއްޔުން“ މި މައުޞޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް اللهގެ ވަލިއްޔަކަށް ވެވޭނީ މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެން ކަމަށާއި ފުރަތަމަ ޝަރުތަކީ، މާތް اللهއަށް ފުރިހަމައަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުން ކަމަށެވެ.
ދެވަނަ ޝަރުތަކީ، އެކަލާނގެއަށް ތަގުވާވެރިވުން ކަމަށާއި އެއީ މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބުނީ, اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެ ގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް އަމަލު ކަމަށެވެ.
ހުތުބާގައި ބުނީ, ކީރިތި ރަސޫލާ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން، މާތް اللهގެ އަޅުތަކުންގެ ތެރެއިން ބަޔަކު ވެއެވެ. އެއީ ނަބީބޭކަލުންނެއް ނޫނެވެ. އަދި ޝަހީދުންނެއްވެސް ނޫނެވެ. ޤިޔާމަތްދުވަހު، މާތް اللهގެ ޙަޟްރަތުގައި ވަލިއްޔުންގެ ދަރަޖަ ނަބީބޭކަލުންނާއި ޝަހީދުންނަށް ފެނިވަޑައިގަތުމުން، އެ ބޭކަލުން އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާނެއެވެ.“
އަސްހާބުބޭކަލުން ދެންނެވިއެވެ. اللهގެ ރަސޫލާއެވެ! އެބައި މީހުންނަކީ ކޮންބައެއްކަން އަހަރެމެންނަށް އަންގަވައިދެއްވާށެވެ! އެކަލޭގެފާނު ހަދީޡްކުރެއްވިއެވެ. ”އެބައި މީހުންނަކީ، އެކަކު އަނެކަކާ ދެމެދު އެއްވެސް ގާތްތިމާގެ ގުޅުމެއް ނެތި، އެކަކު އަނެކަކަށް މުދަލެއް ދިނުމަކާ ނުލައި، އެކަކު އަނެކަކު ދެކެ މާތް اللهއަށް ޓަކައި ލޯބިވީ މީހުންނެވެ. މާތް الله ގަންދީ ހަދީޘްކުރައްވަމެވެ. އެބައި މީހުންގެ މޫނުތަކަކީ ނޫރުން އުޖާލާވެފައިވާ މޫނުތަކެކެވެ. އަދި އެބައިމީހުން ވާހުށީ ނޫރުންވާ މިންބަރުތަކުގައެވެ. މީސްތަކުން ގިޔާމަތް ދުވަހުން ބިރުގަންނަ ހިނދު އެބައި މީހުން ބިރެއް ނުގަންނާނެއެވެ. އަދި މީސްތަކުން ހިތާމަކުރާ ހިނދު އެބައިމީހުން ހިތާމައެއް ނުކުރާނެއެވެ“
ހުތުބާގައި ބުނީ, މީހަކު ފަރުޟު އަޅުކަމުގެ އިތުރަށް، ސުންނަތް އަޅުކަންތަކުން މާތް اللهއާ ކުއްތަންވެ، އެ މީހެއްގެ ގުނަވަންތައް މާތް اللهގެ އަމުރުފުޅުތަކާ އެއްގޮތަށް ކިޔަމަންކޮށް، ހަރާމްކުރެއްވި ކަންތަކުން އެއްކިބާކޮށް، އެކަލާނގެ ލޯބިވެވޮޑިގަންނަވާ ގޮތަށް އުޅުމުން، މާތް الله އެ މީހަކަށް ވާގިވެރިވެވޮޑިގަންނަވާނެ ކަމަށެވެ. އަދި އެ މީހެއްގެ ޙާޖަތްތައް ފުއްދަވައި، އަދާވަތްތެރީންގެ ކިބައިން ރައްކާތެރިކޮށްދެއްވާނެ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި
ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް ޔާމީން އެކަނި
އައްޑޫގައި މަރުވި ދެމަފިރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި، ޖަނާޒާ މިއަދު
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކަށް ހައްޔަރުކުރީ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން!
ސިނގިރޭޓު ވައްކަން: ހަވަނަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް
ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް