އޮކްޓޯބަރ 26, 2025

ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި 

ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ މައްޗަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

އެ މައްސަލައަކީ ގދ. ތިނަދޫ، ޓުވައިލައިޓް، ޝައްމޫން އާދަމާއި މ. ސިނައެކަތަ، ފާތިމަތު މުމްތާޒާ އަދި ނ. ވެލިދޫ، މަނާމް، ނިއުމާ މުހައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.

އެ ތިން މީހުން ސިވިލް ކޯޓުގައި ދައުވާ ކުރީ، އެމްކިޔުއޭ އިން ގަބޫލުކުރާނެ ކަމަށްބުނެ، އެތަނުގެ ލިޔުން ލިބިގެން ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންގެންދާ ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، ޕީއެޗްޑީ ސަނަދު ވެލިޑޭޓް ކުރުމަށް ހުށަހެޅުމުން، އެ ސަނަދު ގަބޫލު ނުކުރުމަށް އެމްކިޔުއޭ އިން ނިންމުމުންނެވެ.

އެމްކިޔުއޭ އިން، އެގޮތަށް ނިންމީ 28 މާޗް 2021 ގައި އަމަލުކުރަން ފެށި، ”ރާއްޖެއިން ބޭރުގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނޭ ގޮތުގެ އުސޫލު“ އަށް ހަވާލާދީ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެއީ ސްރީލަންކާގެ އެއިމްސް ކޮލެޖްގައި ކިޔަވައިދޭ ފިލިޕީންސްގެ އޯލްޑާސްގޭޓް ކޮލެޖްގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރަން ނުފެންނަ ކަމަށް އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑުން 2021 ގައި ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އެ ތިން މީހުން ސިވިލް ކޯޓުގައި ބުނެފައިވަނީ އެއީ އެމްކިޔުއޭ އިން ގަބޫލުކުރާ ޕްރޮގްރާމެއްކަމުގެ ލިޔުން ލިބި، ކޯސް ފަށައި ކޯހުގެ މެދުތެރެއިން، އެ ޕްރޮގްރާމްގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެ، އެކަންތައް ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ދަރިވަރުންގެ ސަނަދު ގަބޫލުކުރާނެ ކަމަށް ލިޔުމުން ދިން ޔަގީންކަމުގެ މައްޗަށް އޮތް އިތުބާރު ބޮޑުކަމުން، އެހެން ޕްރޮގްރާމަކަށް ނުގޮސް ޕްރޮގްރާމް ފުރިހަމަކޮށް ނިންމިތާ އެއް އަހަރު ފަހުން ޕްރޮގްރާމް ގަބޫލުނުކުރާނެ ކަމަށް އެންގުމަކީ އިއާދަ ނުކުރެވޭ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް އެމީހުންގެ ފަރާތުން ބުނެފައިވެއެވެ.

އެމީހުން ބުނެފައިވަނީ އެކަމުގެ ސަބަބުން ގާނޫނު އަސާސީގައި ބަޔާންކުރާ ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގާއި އެ ނިސްބަތުން އުޖޫރަ ލިބުމުގެ ހައްގަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެމީހުންގެ އިހުމާލެއް އަދި ބާރެއް ނެތް ކަމެއްގައި ބޭއިންސާފުން ސައްހަ ނޫން ގޮތެއްގައި އެމްކިޔުއޭ އިން ނިންމި ނިންމުން ވެފައިވަނީ އެމީހުންނަށް ދެވުނު ބޮޑު އަދަބަކަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ފަރާތްތަކުގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް އެމްކިޔުއޭގެ މައްޗަށް އަމުރުކޮށްދިނުމަށް އަދި އެގޮތަށް އަމުރުކޮށް ދެވޭނެ ތަނެއް ނެތް ނަމަ، އެމްކިޔުއޭގެ އިދާރީ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޝައްމޫން އާދަމަށް 23.6 މިލިއަން ރުފިޔާ، ނިއުމާ މުހައްމަދާއި ފާތިމަތު މުމްތާޒާ ކުރެ ކޮންމެ މީހަކަށް 16 މިލިއަން ރުފިޔާ ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދުނެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވަނީ، އެމީހުންގެ ސަނަދުތައް ޑޮކްޓޯރިއަލް ޑިގްރީއަށް އެކްރެޑިޓް ކުރަން އެމްކިޔުއޭއަށް އަމުރުކުރަން ނުޖެހޭ ކަމަށެވެ.

އެމީހުން ކިޔެވި ޕްރޮގްރާމްގައި މައްސަލަތަކެއް ހުރިކަން އެމްކިޔުއޭ އިން އަންގާފައިވާ ހިސާބަށް އެމީހުން ކޮށްފައިވާ ހަރަދުތަކާއި އެމީހުންނަށް ލިބިފައިވާ ގެއްލުންތަކަށް އެމްކިޔުއޭ އިން ޒިންމާވާން ޖެހޭނެ ކަަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެމީހުން އެދިފައިވާ އަދަދުތަކަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށެވެ. އެ މިންވަރަށް އެމީހުންނަށް ގެއްލުން ވެފައިވާކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސިވިލްކޯޓުގެ އެ ނިންމުން އެމީހުން އިސްތިއުނާފުކުރުމުން ހައިކޯޓުން ކުރި ހުކުމްގައި ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ. ފިލިޕީންސްގެ އެލްޑާސްގޭޓް ކޮލެޖުން ޝައްމޫނަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (މެނޭޖްމަންޓް) ސަނަދާއި ނިއުމާ އާއި ފާތިމަތު މުމްތާޒާއަށް ދޫކޮށްފައިވާ ޑޮކްޓާ އޮފް ފިލޯސަފީ (އެޑިއުކޭޝަން) ސަނަދު ގަބޫލުކުރުމަށް ކޮލިފިކޭޝަން އޮތޯރިޓީއަށް ވަނީ އަންގައިފައެވެ.

ހައިކޯޓުގެ އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ، ހައިކޯޓުން ކުރި ހުކުމް ބާތިލުކުރުމަށެވެ. އަދި ނިއުމާ މުހައްމަދާއި، ފާތިމަތު މުމްތާޒުގެ ޕީއެޗްޑީ ޕްރޮގްރާމް ފަށައި ނިންމައިފައިވަނީ އެމްކިޔުއޭ އިން ރިކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް ލިޔުން ހޯދަައިގެން ނޫން ކަމަށްވާތީ އެމީހުންނަށް ބަދަލު ދޭން ޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

އަދި، އެމްކިޔުއޭ އިން ޝައްމޫނަށް ދޫކޮށްފައިވާ ރިކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް ލިޔުމަށް ބަރޯސާވެ، ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަކޮށް އެ ޕްރޮގްރާމްގެ ސަނަދު ވެލިޑޭޓް ކޮށްދިނުމަށް އެމްކިޔުއޭއަށް ހުށަހެޅުމުން އެ ސަނަދު ވެލިޑޭޓްކޮށް ނުދިނުމަށް އެ އޮތޯރިޓީން ނިންމި ނިންމުމުގެ ސަބަބުން ޝައްމޫނަށް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމުގެ ބަދަލު އޭނާއަށް ލިބިދޭން ޖެހޭ ކަމަށް ކަނޑައަޅައި، ލިބިފައިވާ ގެއްލުމެއްވާ ނަމަ، އެ ގެއްލުމުގެ މިންވަރު ކަނޑައެޅުމަށްޓަކައި ހައިކޯޓުން އަލުން ބެލުމަށްޓަކައި އެ މައްސަލަ އެ ކޯޓުން ތަހުވީލުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.