އައްޑޫ ސިޓީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅާލާ ބުރިޖުގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާދިނުމުގެ މަސައްކަތް އެއް މިލިއަން ޑޮލަރުގެ އަގަކަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކޮމްޕެނީ ލިމިޓެޑް (ޓީވައިލިން) އާ އެ މަސައްކަތް ހަވާލުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ޕްރެސިޑެންޓް ޗެން ޝީއޯހޫއެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ ސާވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑާކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް ބޭނުންވާ ލަފާ އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 1,025,000 (އެއް މިލިއަން) އެމެރިކާ ޑޮލަރުގެ އަގަކަށެވެ.



