އަންނަ އަހަރު ކައުންސިލްތަކަށް ލިބޭ ބަޖެޓު އިތުރުވާނެ ކަމަށާއި އެއާއެކު ރަށްރަށުގައި އުޅޭ އެހީތެރިކަން ބޭނުންވާ މީހުންނަށް ކައުންސިލުގެ ބަޖެޓުގެ ތެރެއިން އެހީތެރިކަން ދޭން ލާޒިމުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން, މި ހިނގާ ހަފުތާ ނިމުމުގެ ކުރިން, ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެ ކަމަށެވެ.
އެ ބަޖެޓު ވެގެންދާނީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މި އަހަރު ސޮއިކޮށް މަސައްކަތް ފަށާފައިވާ މަޝްރޫއުތަކުގެ އިތުރުން ބާކީ ހުރި ވައުދުތައް ފުއްދެވުމަށް ފަހިވާނެ ބަޖެޓަކަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ, އަންނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފައިވާތީ އެ އިތުރުވާ ފައިސާ ބަހާނީ ކައުންސިލްތަކަށް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެކަން ކުރައްވާނީ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ, ރަށު ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ފޯރުކޮށްދެއްވުމަށް ކައުންސިލްތަކަށް ލާޒިމުވާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި