އަންނަ މަހުން ފެށިގެން ކައުންސިލުތަކުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ކ. އަތޮޅު އަދި ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ. ކުރެންދޫގައި ބޭއްވި ޖަލްސާގައި މިއަދު ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއެކު ކައުންސިލް މުވައްޒަފުންގެ މުސާރަވެސް ބޮޑުވާނެ ކަމަށެވެ.
ކައުންސިލްތަކުގެ މުވައްޒަފުންނަކީވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި އެ މުވައްޒަފުންގެ މުސާރަ ބޮޑުވާނީ ސިވިލް ސާވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ މުސާރައިން ފެށިގެން ކައުންސިލްތަކުގެ މުވައްޒަފުންނަށް ލިބޭނީ ބޮޑުކުރާ މުސާރަކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ ބާކީހުރި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމަށާއި މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް ވަކި ތަރުތީބަކުން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.



