މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމަށް ޒަމްއަތު އަހުމަދު ވަހީދު މިއަދު ހޮވައިފިއެވެ.
ގާނޫނުގައިވާ ގޮތުގައި ކޮމިޝަންގެ ރައީސް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ނައިބު ރައީސް ކަނޑައަޅަން ޖެހޭނީ ކޮމިޝަންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކޮމިޝަންގެ ރައީސްގެ މަގާމަށް މަޖިލީހުން އައްޔަން ކުރަންޖެހޭ މެންބަރުންގެ ތެރެއިން މުހައްމަދު ފަރުސަތު ވަނީ އައްޔަންކޮށްފައެވެ.
ނައިބު ރައީސް އައްޔަންކުރުމަށް ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ވޯޓު ނަގައިފައެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އެ މަގާމަށް ހޮވުނީ ހަތަރު މެންބަރުންގެ ވޯޓާއެކުއެވެ. އަދި ދެން އެ މަގާމަށް ކުރިމަތިިލެއްވި މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ކުރީގެ ރައީސް ހުސެއިން ސަގީފަށް ލިބިވަޑައިގެންނެވީ ތިން ވޯޓެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި އިންތިހާބީ ހަތަރު މެންބަރުންނެވެ.
ކޮމިޝަނުގައި ހިމެނޭ އިންތިހާބީ މެންބަރުންނަކީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމް އަދި ހުސައިން ސަގީފެވެ. އަދި މަޖިލީހުން ކަނޑައެޅި މެންބަރުންނަކީ މުހައްމަދު ފަރުސަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގު އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތެވެ.




ގުޅުންހުރި
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި